ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 3.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެމްޓީސީސީ އިން ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
ސަރުކާރުން ހިންގާ ޕަބްލިކް ސެންޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް، އަހަރުގެ މިހާ ތަނަށް 3.8 ބިލިއަން ރުފިޔާާ ޚަރަދުކޮށްފައިވާ ކަމަށް ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައި ވަނީ ފިނޭންސް މިނިސްޓްރީ އިން ނެރޭ، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުންނެވެ.
މި ރިޕޯޓަށް ބަލާއިރު، މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ޚަރަދު ކުރުމަށް ލަފާކޮށްފައި ވަނީ 8.3 ބިލިއަން ރުފިޔާ އެވެ. މިގޮތުން މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހާ ހަމައަށް، 3.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ.
ވަކި ވަކި ދާއިރާ ތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ޚަރަދުކޮށްފައި ވަނީ އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ކަންކަމަށެވެ. އެގޮތުން އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ކަންކަމަށް ވަނީ 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން މި މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާާއިރާާ އަށް ވަނީ 539 މިލިއަން ރުފިޔާ ޚަރަދުކޮށްފައި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވާ ޚަރަދަށްވުރެ ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައި ވަނީ 261.4 މިލިއަން ރުފިޔާ އެވެ.
ސިއްހީ ދާއިރާ އަށް ބަލާއިރު، މިދިޔަ މުއްދަތުގައި ވަނީ 242.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައި އެވެ. މިއީ ވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވާ ޚަރަދަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސިއްހީ ދާއިރާ އަށް ޚަރަދުކޮށްފައި ވަނީ 220.6 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާ އަށް ބަލާއިރު، މި ދާއިރާ އަށް ވަނީ 646.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައި ވަނީ 355.4 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނެފައި ވަނީ ޕީއެސްއައިޕީ އަށް ކުރި ޚަރަދު ދަށްވެފައި ވުމަކީ، މަޝްރޫއުތައް ހިންގުމަށް ކުރަމުން އަންނަ ޚަރަދު ހަރުދަނާ ގޮތެއްގައި ބަލަހައްޓަމުން އަންނަކަން ހާމަވެފައިވާ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް