ދިވެހި ޕްރިމިއާ ލީގުގައި މިއަދު ތިން މެޗު ކުޅެނީ
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ލީގު ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ/ އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގެ ހޯމް އެންޑް އަވޭ އުސޫލުން މާލެއިން ބޭރުގައި މެޗުތައް ކުޅޭ ފުރަތަމަ ފަހަރު، މޫސުން ގޯސްވެ މެޗެއް ފަސް ކުރަން ޖެހުމުގެ ސަބަބުން، މިއަދު ލީގުގެ ތިން މެޗު ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ ލީގުގެ ތާރީހުގައި ވެސް އެއް ދުވަހެއްގައި ދެ މެޗަށް ވުރެ އިތުރަށް ކުޅޭނޭ ފުރަތަމަ ފަހަރެވެ. އިއްޔެ ހަވީރު ގައްދޫގައި ކުޅެން އޮތް ގައްދޫ ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް މެޗު ނުކުޅެވޭ ވަރަށް ވިއްސާރަ ވުމުގެ ސަބަބުން، އެ މެޗު މިހާރު ވަނީ މިއަދު ހަވީރު 3:30 އަށް ތާވަލުކޮށްފައެވެ.
މިއަދު ކުޅޭ މެޗުތައް:
ގައްދޫ އާރުސީ - ނިއު ރޭޑިއަންޓް: ހަވީރު 3:30 (ގައްދޫ ސްޓޭޑިއަމްގައި)
ކްލަބް އީގަލްސް - ބިސް ބުރު ސްޕޯޓްސް ކްލަބް: ހަވީރު 4:00 (ގަލޮޅު ދަނޑުގައި)
ބުރު ސްޕޯޓްސް ކްލަބް - ދިއްދޫ ސްޕޯޓްސް: ރޭގަނޑު 9:00 (ގަލޮޅު ދަނޑުގައި)
މިއަދުގެ މެޗުތަކުގައި ކުޅޭ ގައްދޫ އާއި ބިސް ބުރު އަދި ދިއްދޫ އަކީ ވެސް، ޕްރިމިއާ ލީގު ކޮލިފިކޭޝަން ބުރު ކުޅެގެން މި ސީޒަނަށް އަލަށް ޕްރޮމޯޓްވި ތިން ޓީމެވެ. ގައްދޫގައި ކުޅޭ މެޗު ވެގެން ދާނީ ލީގުގެ ތާރީހުގައި ވެސް މާލޭން ބޭރުގައި ކުޅެވޭ ފުރަތަމަ މެޗަށެވެ.
މީގެ ކުރިން ގަލޮޅު ދަނޑުގެ އިތުރުން ލީގުގެ މެޗުތަކެއް ކުޅެފައި ވަނީ މާފަންނު 1 ނަމްބަރު ޓާފް ދަނޑުގަ އެވެ. އެންމެ ފުރަތަމަ ބޭއްވި 2015 ވަނަ އަހަރުގެ ލީގުގެ ފުރަތަމަ ބުރުގެ ފަހު ހަތަރު މެޗު މާފަންނު ޓާފްގައި ކުޅުނީ، އެ އަހަރު މިނިވަން ފަންސާހުގެ ކުޅިވަރު ތަކަށް ގައުމީ ފުޓްބޯޅަ ދަނޑުގައި އެޅި ހަރު ކާޕެޓްގެ ސަބަބުން ހަލާކުވި ވިނަގަނޑު މުޅިން ރަނގަޅު ނުވާތީ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށުނު 10 ވަނަ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއިން ވަނީ 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މާޒިޔާ މޮޅުވި ލަނޑު ޖެހީ މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ރޭ ކުޅުނު ދެވަނަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ވަނީ 5-1 ގެ ބޮޑު ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގައި ވިކްޓަރީން ޕެނަލްޓީއަކުން ލީޑު ނަގާފައިވަނިކޮށް ޓީސީން އެއްވަރުކުރި ނަމަވެސް، ދެވަނަ ހާފުގައި ވިކްޓަރީން ވަނީ އިތުރު ހަތަރު ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް