އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިޞަލް އިއުލާން ކުރައްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ފައިޞަލް ވާހަކަ ދައްކަވަނީ
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އިއުލާން ކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހު ފައިޞަލް އެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވާއިރު، މީގެ ކުރިން ވެސް ފައިޞަލް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަމުގެ އަޑުތައް އޮތީ ފެތުރިފައި އެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތަކަށް ފައިޞަލް ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމި ނިންމުމާ ގުޅޭ ގޮތުން ފައިޞަލް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި، އެއަށް ފަހު 2028ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ފައިޞަލް ވިދާޅުވީ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން ރައީސް ޞޯލިޙްއާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، އެކަމުގައި ރައީސް ޞޯލިޙުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ރިޔާސީ ޕްރައިމަރީ އަށް ފައިޞަލް ނިކުންނަވަނީ ރައީސް ޞޯލިޙުގެ ތާއީދާއެކުކަން ހާމަވެފައިވެ އެވެ.
ފައިޞަލް އަކީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ހަތަރު ވަނަ ބޭފުޅާ އެވެ. މީގެ ކުރިން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި ހުޅުމާލޭ ދެކުނު ދާއިުރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ފައިޞަލް އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫގެ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަޤާމުން އޭނާ ވަކިވެވަޑައިގެންނެވީ، 2018 ވަނަ އަހަރު ނައިބު ރައީސްގެ ހުވާ ކުރެއްވުމަށެވެ. ފައިޞަލް ވަނީ 2018 އިން، 2023 އަށް ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. ކުރިން ހުންނެވި ޖުމްހޫރީ ޕާޓީ އިން ވަކިވެވަޑައިގެން، 2024 ވަނަ އަހަރުގެ ކުރީ ކޮޅު ފައިޞަލް ވަނީ އެމްޑީޕީ އަށް ސޮއި ކުރައްވައިފަ އެވެ. އޭގެ ފަހުން އެމްޑީޕީގެ ހަރަކާތްތަކުގައި ފައިޞަލް ވަރަށް ގިނައިން އުޅުއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް