Article Top
ކުޅިވަރު •

އެމްއެސް މޭޓްސްގެ ކުރިއެރުން ފެނުނު ނަމަވެސް މޮޅުވީ މާޒިޔާ

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

އެމްއެސް މޭޓްސްގެ ކުރިއެރުން ފެނުނު ނަމަވެސް މޮޅުވީ މާޒިޔާ

މާޒިޔާ އާއި އެމްއެސް މޭޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް

އެފްއޭއެމް ވިމަންސް ލީގު 2026 ގައި ރޭ ކުޅުނު މެޗުން އެމްއެސް މޭޓްސް 3-0 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅެއް ހޯދައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން މާޒިޔާ 8-0 އިން މޮޅުވެފައި އޮތް ނަމަވެސް، ރޭގެ މެޗުގައި އެމްއެސް މޭޓްސްއިން ވަނީ މާޒިޔާގެ ވަރުގަދަ އެޓޭކްތައް ހުއްޓުވުމުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އެ ޓީމު ކޮޅަށް ވަނީ އެންމެ ލަނޑެކެވެ.

މެޗު ފަށައިގެން ފަސްވަނަ މިނިޓްގައި މާޒިޔާއަށް ލީޑު ނަގައިދިނީ ބިދޭސީ ފޯވާޑް ޗިނޮންޔެރެމް މެކްލީންސް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ކެޕްޓަން އައިޝަތު ސަމާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމެންދެން އެމްއެސް މޭޓްސްއިން ވަނީ އިތުރު ލަނޑެއް ވަނަނުދީ ހިފަހައްޓައިފަ އެވެ.

މާޒިޔާއިން ލީޑު ފުޅާކުރީ ދެވަނަ ހާފު 10 މިނިޓް ތެރޭގަ އެވެ. ސަފީނާ ރުޝާނިޔާ ދިން ބޯޅައަކުން މި ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޗިނޮންޔެރެމް އެވެ. އަދި މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަފީނާ ރުޝާނިޔާ އެވެ.

މެޗުގައި އެއް ގޯލު ޖަހައި، އިތުރު ގޯލެއް އެސިސްޓް ކޮށްދިން ސަފީނާ ރުޝާނިޔާ ވަނީ މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

މި މޮޅާއެކު މާޒިޔާ ވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ،

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް