ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި
ލިޔުންތެރިޔާ
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުމުގެ ތެރެއިން.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން، ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ބާއްވައިފި އެވެ.
މެމްބަރު ގައުމުތަކުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި ސެކިއުރިޓީގެ އިސް އޮފިޝަލުންނާއެކު ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ސަރަހައްދީ ސަލާމަތާ ގުޅުންހުރި އިސްކަންދޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިއްސާވާ އަދި އުފެދެމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި ދޭ އެއްބާރުލުން ވަރުގަދަ ކުރުމެވެ.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް، ސްރީލަންކާ، ބަންގްލަދޭޝް، އަދި ސީޝެލްސް ހިމެނޭ ސަރަހައްދީ ސަލާމަތީ އެއްބާރުލުން ދިނުމުގެ މަންސައެކެވެ. މި ކޮންކްލޭވްގެ ދަށުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވަނީ ފަސް ތަނބެއްގެ މައްޗަށް ބިނާކޮށެވެ.
އެއީ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ، ކައުންޓާ ޓެރަރިޒަމް އެންޑް ރެޑިކަލައިޒޭޝަން، ޓްރެފިކިން އާއި ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްއާ ދެކޮޅަށް މަސައްކަތް ކުރުން، ސައިބާ ސެކިއުރިޓީ އެންޑް ދަ ޕްރޮޓެކްޝަން އޮފް ކްރިޓިކަލް އިންފްރާސްޓްރަކްޗާގެ އިތުރުން ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް އެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ އިތުރުން ސްރީލަންކާ އަދި ބަންގްލަދޭޝްގެ މަތީ ފަންތީގެ ވަފުދުތަކުން ބައިވެރިވެފައިވާއިރު، މެހެމާން ޤައުމުތަކުގެ ގޮތުގައި ދައުވަތު ދެވިގެން އޮސްޓްރޭލިއާ އަދި މެލޭޝިއާގެ ވަފުދުތައް މި ބައްދަލުވުމުގައި ބައިވެރިވެފައިވެ އެވެ. މިބައްދަލުވުން މިއަހަރު ދިވެހިރާއްޖޭގައި ބާއްވާފައި މިވަނީ މިދިޔަ އަހަރު އިންޑިއާގައި ބޭއްވި 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައި ނިންމި ނިންމުމާ ގުޅިގެންނެވެ.
މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު އަދި ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ދެއްވި ޚާއްސަ ޚިޠާބުގައި، ޤާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް، އަދި ރެގިއުލޭޓް ނުކުރެވި ކުރާ މަސްވެރިކަމާއި، ޓެރަރިޒަމާއި، ހަރުކަށި ފިކުރުގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތައްކަން ފާހަގަ ކުރައްވައި، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދެއްކެވި އެވެ.
ދިވެހިރާއްޖޭގެ ސެކިއުރިޓީ ދާއިރާގެ އެންމެ އިސްވެރިން ވެސް ހިމެނުނު ރާއްޖޭގެ ވަފުދުގެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ޑީސީ (ރޓ)، ލޓކލ (ރޓ) އިބްރާހިމް ލަޠީފް އެވެ.
މި ބައްދަލުވުން ނިންމާލުމުގެ ގޮތުން، ދިވެހިރާއްޖެ ހިމެނޭހެން މެމްބަރު ޤައުމުތަކުން ވަނީ، ބައްދަލުވުމުގެ މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ހިމަނައިގެން ގުޅިފައިވާ ބަޔާނެއް ނެރެފައި އެވެ. އަދި ކޮންކްލޭވްގެ ފަސް ތަނބު ކުރިއެރުވުމަށާއި، ޞުލްޙަވެރި، ރައްކާތެރި އަދި ވިލުންތެރި އިންޑިއާ ކަނޑުގެ ސަރަޙައްދެއް ބިނާކުރުމަށް ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގައި، މެމްބަރު ޤައުމުތަކުގެ މެދުގައި މެދު ނުކެނޑި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން މި ބައްދަލުކުރުމުގައި އަލުން ކަށަވަރުކޮށްދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް