Article Top
ޚަބަރު •

150 މެގަވޮޓްގެ ޕީވީ ހައިބްރިޑް ނިޒާމުތަކެއް ޤާއިމުކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

150 މެގަވޮޓްގެ ޕީވީ ހައިބްރިޑް ނިޒާމުތަކެއް ޤާއިމުކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

150 މެގަވޮޓްގެ ޕީވީ ހައިބްރިޑް ނިޒާމުތަކެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.

ދިވެހިރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީވީ އާއި ބެޓެރި އެނާޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވާ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) އުސޫލުން ޤާއިމު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސްޓެލްކޯ ހޯލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ގޯޝެން އެނާޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައި އެވެ.

ރާއްޖޭގައި ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށްވާއިރު، ތެލަށް ކުރާ ހޭދަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 އިންސައްތަ އަށް އަރާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެ އެވެ. މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ ސަރުކާރުން މިހާރު އަންނަނީ މި އަމާޒަށް ވާސިލުވުމަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫއުތަކެއް ތަންފީޒު ކުރުމަށް ރާވަމުން ކަމަށެވެ.

އެގޮތުން، 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ޤާއިމު ކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަ ޙާސިލުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން، ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދާއި، ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީ އަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައި އެވެ. މިއާއެކު، ޤައުމީ ތަރައްޤީގެ އެހެނިހެން މުހިންމު ދާއިރާތަކަށް އެ ފައިސާ ހޭދަކުރުމުގެ ފުރުސަތު ސަރުކާރަށް ފަހިވެގެންދާނެ އެވެ.

ތިމާވެށީގެ ގޮތުން ބަލާއިރު، މި މަޝްރޫއުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198,283 ޓަނުގެ ކާބަންޑައިއޮކްސައިޑް (tCO2) މަދުކުރެވިގެންދާނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީ އިން ވަނީ އަންދާޒާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް