25 އަހަރަށް ފަހު މޫސަގެ އެނބުރި އައުން އެންމެންގެ ހިތްތަކާ ކުޅެލީ ކީއްވެ؟
ލިޔުންތެރިޔާ
"ކީއްވެ" ފިލްމުގެ ޕްރިމިއާ ނައިޓުގެ ތެރެއިން މޫސަ އާއި ޝީލާ އަދި ފިލްމުގެ ޑައިރެކްޓަރު އީސާ ޝަރީފް. - ފޮޓޯ / ޖަވިޔަނި
އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި ދިވެހި ފިލްމު "ކީއްވެ" އޮލިމްޕަހުގައި ސިނަމާގައި އަޅުވައިފި އެވެ.
ރޭ އޮލިމްޕަހުގައި މި ފިލްމު ޕްރީމިއާ ކުރިއިރު، މިއީ އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. އެ ފިލްމެއްގެ މަންޒަރުތައް ބަަލާލުމަށް ކެތްމަދުވެފައި ތިބި ފިލްމެކެވެ. އެކަން ރޭ އޮތް ރެޑް ކާޕެޓް އިވެންޓުން ވެސް ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. މި ފިލްމު ޚާއްސަވާ އޮތީ އެންމެ ސަބަބެއް ނޫނެވެ. އެތައް ސަބަބު ތަކެކެވެ.
އެންމެ ފުރަތަމަ ސަބަބަކީ، މިއީ 25 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ފަހު މޫސާ މަނިކު (ރީކޯ މޫސަ) ފިލްމެއްގެ ލީޑު ރޯލުން ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ. ފަތިސްހަނދުވަރު ފަދަ ފިލްމު ތަކުން ފެނުނު މޫސަގެ މޮޅުކަން، މި ފިލްމުން ފެންނާނެ ކަމަށް އެތައް ބަޔަކު ތިބީ ޔަޤީން ކޮށްގެންނެވެ. އެކަން ފިލްމުގައި ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެވެ.
އަނެއް ސަބަބަކީ، މިއީ ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ ވެސް އެނބުރި އައުމެކެވެ. ގާތް ގަނޑަކަށް 22 އަހަރަށް ފަހު އީސަ ޑައިރެކްޓްޝަން އަށް އެނބުރި އައިސް އާންމުންނަށް އެ ދޫކޮށްލީ، ހިތްތަކާ ކުޅެލާ ކަހަލަ ޗާލު ފިލްމެކެވެ. ލޯބި ފިލްމެކެވެ. އަސަރުން ފުރިގެންވާ، ޖަޒުބާތުތަކާ ކުޅެލާ ފިލްމެކެވެ. އަނެއްކޮޅުން، މިއީ އަސްލަމް ރަޝީދު އަށް އަބަދު ވެސް އޮންނަ އިތުބާރު، އަދިވެސް އޮންނާނެެކަން ޔަޤީން ކުރެވިގެން ދިޔަ ފިލްމެކެވެ.
ފިލްމު ސިނަމާގައި ދެއްވިއިރު، މޫސަ އާއި ޝީލާ ނަޖީބުގެ ގުޅުމުން ފެށިގެން ގޮސް، ފިލްމުގައި ހިނގާ ކޮންމެ ކަމަކަކީ އެހާ ޝައުޤުވެރި ކަންތައްތަކެކެވެ. ދެން ވާނީ ކިހިނެއްކަން ނޭނގި، ދެން ވާނެ ގޮތެއް އެންމެން ވެސް އަންދާޒާ ކުރާނެ ފިލްމެކެވެ. "ކީއްވެ" ފިލްމު ސިނަމާގައި އެޅުވީއިރު، އެންމެ ހިނދު ކޮޅަކަށް ވެސް ސިނަމާގެ ތެރޭގައި އޮތް ޝައުޤުވެރިކަން ކުޑަވެގެން ނުދިޔަ އެވެ.
އަސްލަމްގެ މޮޅު، އަދި އީސަ ޑައިރެކްޓުކޮށް، މޫސަ އާއި ޝީލާގެ މޮޅު ހަރަކާތްތަކުން އެންމެންގެ ހިތްތަކާ ވެސް ކުޅެލި އެވެ. މިއީ އިބުރަތުން ފުރިގެންވާ، ފިލާވަަޅުތައް އެހާމެ ގިނަ ފިލްމެކެވެ. ކެތްތެރިކަމުގެ މިސާލާއި، ރަޙުމާއި ހަމްދަރުދީ އިން ފުރިފައިވާ ފިލްމެކެވެ. އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމައުއާ ވަރަށް ވެސް ގުޅޭ، އަދި މުޖުތަމުގައި މިއަދު އޮތް ގޮތް ބުނެދޭ ފިލްމެކެވެ.
25 އަހަރަށް ފަހު މޫސަގެ އެނބުރި އައުން މި ފިލްމުން މިހާ ރީތިކޮށް ބުނެދީ، އާންމުންގެ ޝައުޤުވެރިކަން ލިބުނީ މި ސަބަބާ ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް