Article Top
ލައިފްސްޓައިލް •

އޮލިމްޕަސް ހޫނުކޮށްލި ރެޑް ކާޕެޓް އިވެންޓާއެކު "ކީއްވެ" ޕްރެމިއާކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އޮލިމްޕަސް ހޫނުކޮށްލި ރެޑް ކާޕެޓް އިވެންޓާއެކު "ކީއްވެ" ޕްރެމިއާކޮށްފި

ކީއްވެ ފިލްމު ޕްރިމިއާ ކުރުމުގެ ތެރެއިން --

އެތައް ބަޔަކު ކެތްމަދުވެ އިންތިޒާރު ކުރަމުން އައި އައު ދިވެހި ފިލްމު "ކީއްވެ" ކުލަގަދަ ރެޑް ކާޕެޓް ހަފްލާއަކާއެކު އޮލިމްޕަސް ސިނަމާގައި ކާމިޔާބުކަމާއެކު ޕްރެމިއާކޮށް އަޅުވައިފިއެވެ.

ފިލްމުގެ ފުރަތަމަ ޝޯއަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، ފިލްމުގެ ކުރިއަށް އޮތް ތިން ޝޯގެ ޓިކެޓުވެސް މިހާރު ވަނީ އެއްކޮށް ވިކި ހުސްވެފައެވެ.

މި ފިލްމު ޚާއްސަވާ އެންމެ މުހިންމު އެއް ސަބަބަކީ، 25 އަހަރު ދުވަހުގެ ދިގު މެދުކެނޑުމަކަށް ފަހު ރީކޯ މޫސާ މަނިކު ފިލްމެއްގެ ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށް ވުމެވެ. މީގެ އިތުރުން، މިއީ ދިވެހި ސިނަމާގެ މަޝްހޫރު އަދި ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފް ގާތްގަނޑަކަށް 20 އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ޑައިރެކްޝަނަށް އެނބުރި އައި ފިލްމު ވެސް މެއެވެ.

މި ފިލްމަކީ ސްލޭމް ސްޓޫޑިއޯ، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދީފައިވާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ އަސްލަމް ރަޝީދެވެ. އަދި އެގްޒެކެޓިވް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ހުސެން ނޫރައްދީން، އަލީ ޝާނިޒް އަދި ހުސެން މުނައްވަރު (ކިޑް) އެވެ.

އާންމު ދިވެހި ފިލްމުތަކާ ޚިލާފަށް، މެދު އުމުރުގެ މީހުންގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި އާއިލީ ގުޅުންތަކުގެ އިތުރުން ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި މޫސަގެ އިތުރުން ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު ތަރިން ކަމަށްވާ ޝީލާ ނަޖީބް، މަރިޔަމް ނިޝާ، އަހުމަދު ޝަމީލް އަދި އިބްރާހިމް ރަޝީދު (ދަރާ ރަޝީދު) ވަނީ މުހިންމު ބައިތަކެއް ކުޅެފައެވެ. ވަކިން ޚާއްސަކޮށް މޫސަ އާއި ޝީލާގެ އަސަރުގަދަ އެކްޓިންއަށް ބެލުންތެރިންގެ ބޮޑު ތައުރީފެއް ވަނީ ލިބިފައެވެ.

މިދިޔަ އޮކްޓޯބަރު 30 ގައި ޓްރެއިލާ އާންމުކޮށް، އޮކްޓޯބަރު 31 އިން ފެށިގެން ޓިކެޓް ވިއްކަން ފެށި މި ފިލްމުގެ ޕްރެމިއާ ނައިޓްގައި ފިލްމީ ދާއިރާގެ އިތުރުން، ސިޔާސީ މައިދާނުގައި މޫސައާއެކު މަސައްކަތް ކުރެއްވި ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފިލްމުގެ ޓިކެޓު އޮލިމްޕަސް ކައުންޓަރުގެ އިތުރުން saturnstudio.mv/booking ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް އަންނަނީ ވިއްކަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް