ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަސައްކަތް އަލުން ފަށައިފި
ލިޔުންތެރިޔާ
ވޯޓާ ތީމް ޕާކުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތް ހުޅުމާލެ ވޯޓާ ތީމް ޕާކް، ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވޮކޯ" ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު އަލުން ފަށައިފި އެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައިދެއްވީ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސް އޮފިޝަލުންގެ އިތުރުން، މި މަޝްރޫއު ހަވާލުކޮށްފައިވާ ސޮލެންޒާރާ ހޯލްޑިންގްސްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއު އަލުން ފެށުމަށް ބަޔަކާ ހަވާލުކޮށްފައިވާކަން މި މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނު ކުރައްވާފަ އެވެ. އެ ދުވަހު ރައީސް ވިދާޅުވީ، އެންމެ ލަސްވެގެން އެއް އަހަރު ނުވަތަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ލަފާކުރާ ކަމަށެވެ.
ހުޅުމާލެ ވޯޓާ ތީމް ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން، މެލޭޝިއާގެ ކުންފުންޏަކާ ގުޅިގެން ފެށި މަޝްރޫއެކެވެ. ނަމަވެސް ބައެއް އިމާރާތްތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތަކަށް ފަހު އެކި ސަބަބުތަކާ ހުރެ އެތަނުގެ މަސައްކަތް އޮތީ ހުއްޓި، ވީރާނާވާން ދޫކޮށްލެވިފަ އެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއު އަލުން ފެށީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ، ފުޅާ އާ މާސްޓަ ޕްލޭނެއްގެ ދަށުން ކަމަށެވެ. ޖުމުލަ 41,549.70 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ކުރިއަށް ގެންދާ މި މަޝްރޫއުގައި، ވޯޓާ ތީމް ޕާކަށް 17،800 އަކަމީޓަރު އަދި ރިސޯޓް ހޮޓަލަށް 23،749.70 އަކަމީޓަރު ވަނީ ހާއްސަކޮށްފަ އެވެ.
މޫދާ ގުޅިފައިވާ ގޮތަށް ހަދާ ވޯޓާ ތީމް ޕާކުގައި މައިގަނޑު 11 ވޯޓާ އެޓްރެކްޝަނާއި 30 ވަސީލަތެއް ހިމެނޭނެ އެވެ. އޭގެ ތެރޭގައި އަށް ވޯޓާ ސްލައިޑްގެ ބޮޑު ކޮމްޕްލެކްސްއަކާއި، ޓޯނޭޑޯ ސްލައިޑެއް، 290 މީޓަރުގެ 'ލޭޒީ ރިވަ'، 900 އަކަމީޓަރުގެ ވޭވް ޕޫލެއް، ކުޑަކުދިންނަށް ހާއްސަ ޕޫލްތަކާއި ސްލައިޑްތައް، އަދި އިންފިނިޓީ ބަބްލް ޕޫލަކާއި މޫދު މަތީގައި އޮންނަ އިންފްލޭޓަބަލް ކުޅިވަރު ފެސިލިޓީއެއް ހިމެނެ އެވެ. މީގެ އިތުރުން ޗުއްޓީ ހޭދަކުރަން ހާއްސަ ޕްރައިވެޓް ކޮޓޭޖްތަކާއި 1،120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ވެސް ހުންނާނެ އެވެ.
މަޝްރޫއުގެ ދަށުން ތަރައްގީކުރާ "ވޮކޯ ރިސޯޓް ހޮޓެލް" ގައި 250 ކޮޓަރި އާއި ސުއިޓް، ދިގުމުއްދަތަށް ތިބެވޭ 15 އެޕާޓްމަންޓް، 95 ސާވިސްޑް އެޕާޓްމަންޓް އަދި ބީޗްފްރަންޓް ތިން ވިލާ ހުންނާނެ އެވެ. މީގެ އިތުރުން ރީޓެއިލް ވިޔަފާރި ޖާގަތަކާއި އޮފީސް އިމާރާތްތަކުގެ އިތުރުން 61 ކާރާއި 230 ސައިކަލް ޕާކުކުރެވޭ ބޮޑު ޕާކިން ޖާގައެއް ވެސް އެތަނުގައި ތަރައްގީކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް