ސޮފްވާނަށް މަގާމު އިއާދަކޮށްދެވެން ނެތް ކަމަށް ގައުމީ މަޖިލީހުން އަންގައިފި
ލިޔުންތެރިޔާ
ސޮފްވާން -- ފޮޓޯ/ އަދަދު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު ސޮފްވާން އަހުމަދާ ދެކޮޅަށް އެޅި ފިޔަވަޅުތައް ބާތިލްކޮށް، އޭނާގެ މަގާމު އިއާދަކޮށްދެވެން ނެތް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން އަންގައިފި އެވެ.
ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ވީއޭއެމްއިން ވަނީ ކޯޗުކަމާއި ހިންގާ ކޮމިޓީގެ މަގާމުން ސޮފްވާން ވަކިކޮށް، ފަސް އަހަރަށް ސަސްޕެންޑުކޮށްފަ އެވެ.
މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތުމުން ފުލުހުން މައްސަލަ ފައިލްކުރުމާ ގުޅިގެން، ސޮފްވާން ވަނީ އޭނާއަށް އެޅި ފިޔަވަޅުތައް ބާތިލްކޮށްދިނުމަށް އެދި މިދިޔަ އޮކްޓޯބަރު މަހު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެ ހުށަހެޅުމަށް ޖަވާބުދީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސާ އައިޝަތު ސަމާހް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އެސޯސިއޭޝަނެއްގެ އެތެރޭގެ ނިންމުންތައް މުރާޖައާކޮށް މީހަކު މަގާމަކަށް އިއާދަކުރުމަކީ އެ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
އަދި އޮލިމްޕިކް ޗާޓަރާއި ބައިނަލްއަގުވާމީ ކުޅިވަރު ފެޑެރޭޝަންތަކުގެ އުސޫލުތަކުގެ ދަށުން، އެފަދަ ނިންމުމަކަށް ބަދަލު ގެނައުމަކީ "ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުން" ކަމަށް ބަލައި، ވީއޭއެމްއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ކުޅިވަރު މަޖިލީހުން ބުނީ މި މައްސަލައިގައި ވަކި ތަހުގީގެއް ހިންގާފައި ނުވާނެ ކަމަށާއި، ވީއޭއެމްގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އޭވީސީ، އެފްއައިވީބީ ނުވަތަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ސޮފްވާނަށް އޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް