ބޭނުމަކީ ކުޑަކުދިން ރައްކާތެރިކުރުން، އިތުރު ބަޔަކަށް މަނާ ކުރުމެއް ނޯންނާނެ: މިނިސްޓަރު އިޙުސާން
ލިޔުންތެރިޔާ
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިޙުސާން ވާހަކަ ދައްކަވަނީ.
ވަކި އުމުރުފުރާއެއްގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް މަނާ ކުރުމުގެ މަޤުސަދަކީ ކުޑަ ކުދިން ރައްކާތެރި ކުރުން ކަަމަށާއި، އެކަމުގެ ދަށުން އިތުރު ބަޔަކަށް ސޯޝަލް މީޑިއާ މަނާ ކުރުމެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙުސާން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިޙުސާން ވަނީ، ރާއްޖޭގައި ކުޑަ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް މަނާކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން މިހާތަނަށް މަޝްވަރާ ކުރެވެމުން އަންނަނީ، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އެ ފިޔަވަޅުތައް އެޅުމަށް ކަމަށް ވެސް މިނިސްޓަރު އިޙުސާން ވަނީ ވިދާޅުވެފައި އެވެ.
ހޯމް މިނިސްޓަރު އިޙުސާން ވިދާޅުވީ، ސޯޝަލް މީޑިއާ އެއްކޮށް މަނާކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. އެހެން ނަަމަވެސް، ސޯޝަލް މީޑިއާ މަނާ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ފަތުރަމުން އަންނަނީ ދޮގު ވާހަކަ ތަކެއް ކަަމަށް މިނިސްޓަރު އިޙުސާން ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިޙުސާން ވިދާޅުވީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަ ކުދިންނަށް އެކި ކަހަލަގެ އަނިޔާ އަދި ގެއްލުންތައް ލިބެމުން އަންނަ ކަަމަށެވެ. އެހެންވެ ސޯޝަލް މީޑިއާ އަކީ ކުޑަ ކުދިންނަށް ރައްކާތެރި ތަނެއްކަން ކަށަވަރު ކުރުމަކީ ސަރުކާރުންގެ މަޤުސަދު ކަަމަށް ވެސް ވިދާޅުވި އެވެ. އަދި މިއީ ދުނިޔޭގެ ބައެއް އެހެން ޤައުމު ތަކުގައި ވެސް މިހާރު ތަންފީޒު ކުރަމުން އަންނަ ކަމެއް ކަމަށް މިނިސްޓަރު އިޙުސާން ވަނީ ވިދާޅުވެފައި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިޙުސާން ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ހެދުނު ދިރާސާގެ ރިޕޯޓު ކަރުދާސް ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށާއި، އެ ކައުންސިލްގައި ހިމެނޭ މިނިސްޓަރުންގެ މެދުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް