Article Top
ޚަބަރު •

އިންސާނީ ޚިދުމަތުގެ އަގުވަޒަންކޮށް، މެލޭޝިއާ އިން ޤާސިމް އަށް އެވޯޑެއް އަރުވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިންސާނީ ޚިދުމަތުގެ އަގުވަޒަންކޮށް، މެލޭޝިއާ އިން ޤާސިމް އަށް އެވޯޑެއް އަރުވައިފި

ވިލާ ކުންފުނީގެ ޗެއާމަން އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް.

އިންސާނީ ޚިދުމަތުގެ އަގު ވަޒަންކޮށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާ ކުންފުނީގެ ޗެއާމަން ޤާސިމް އިބްރާހީމް އަށް މެލޭޝިޔާ އިން އެވޯޑެއް އަރުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޤާސިމް އަށް އެވޯޑު އަރުވާފައި ވަނީ މެލޭޝިއާގެ ސެންޓަ ފޯ އެންޓަޕްރިނިއަޝިޕް (އޭސީއީ) އިންނެވެ. އޭސީއީ އިން ވަނީ، "އޭޝިއާސް ބެސްޓް އެންޓަޕްރިނިއާ ފިލެންތުރޮޕިސްޓް 2026" ގެ އެވޯޑު ޤާސިމް އަށް އަރުވައިފަ އެވެ. އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޤާސިމްގެ ފަރާތުން އެ އެވޯޑާ ހަވާލުވީ ދަރިކަލުން އުމަރު އަރުކާން ޤާސިމް އެވެ.

އެކި އެކި ކަންކަމުގައި ގިނަ ބަޔަކަށް އެހީތެރވިވަމުން އަންނަ ޤާސިމް އަށް މިފަދަ އެވޯޑެއް އެރުވުމާ އެކު، ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުޙަބާ ކިޔަމުންނެވެ. ޤާސިމް އަށް އެރުވި އެވޯޑާ ގުޅޭ ގޮތުން އޭސީއީ އިން ބުނެފައި ވަނީ، އެ އެވޯޑު ޤާސިމް އަށް އެރުވީ އިންސާނިއްޔަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

ޤާސިމް އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ދިވެހީންގެ ތެރެއިން ގިނަ ބަޔަކަށް ޞިއްޙީ ފަރުވާ ހޯދުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އޭގެ އިތުރުން ވެސް، އެކި އެކި ކަންކަމުގައި ޤާސިމް ވަނީ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. އުމުރުން މިހާރު 75 އަހަރުވެފައިވާ ޤާސިމް އަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި ވެސް ހުންނެވި ބޭފުޅާ އެވެ. މީގެ ކުރިން ޤާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

މީގެ އިތުރުން ޤާސިމް ވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވައިފަ އެވެ. ހަމައެހެންމެ، ޤާސިމް ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް