Article Top
ޚަބަރު •

އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި އަމަލުގެ ތެރެއިން ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށް: ހުކުރު ޚުޠުބާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި އަމަލުގެ ތެރެއިން ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށް: ހުކުރު ޚުޠުބާ

އިސްލާމީ މަރުކަޒުގައި މީގެ ކުރިން ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން.

އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށް ކަމަށާއި، ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް ފާޙިޝު ޢަމަލުކުރުން މާތް الله ވަނީ ޙަރާމްކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.

ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝުކަންތައް ފަތުރާ މީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރި ކަމަށެވެ. އަދި އެކަން އަންގަވައި މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"ހަމަކަށަވަރުން، إيمانވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެ އާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."

މީގެ އިތުރުން ފާޙިޝު އަމަލުތަކުގެ ތެރޭގައި ހިމެނޭ ފާފަވެރިވުން ބޮޑު އަމަލުތަކުގެ ތެރޭގައި ޒިނޭ އާއި ލިވާޠާއި ސިޙާޤު ހިމެނޭ ކަމަށް ޚުޠުބާގައި ވަނީ ފާހަގަކޮށްފައި އެވެ. އަދި ޒިނޭކުރުމުގެ ނުބައިކަމާ ބެހޭ ގޮތުން މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހައި ނުބައިވެގެން ވެއެވެ."

ހަމައެހެންމެ، ލިވާޠު ކުރުމުގެ ނުބައިކަމާ ބެހޭ ގޮތުން މާތް الله ވަޙީކުރައްވާފައިވެ އެވެ.

"لوطގެފާނު، އެކަލޭގެފާނުގެ قومގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެ ދެނެ ތިބި حال، فاحش عملތައް ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى އެދުން ފުއްދުމަށް ޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ، ތަންދޮރުނޭނގޭ جاهل ބަޔަކީމު އެވެ."

މީގެ އިތުރުން ޚުޠުބާގައި ބުނީ ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނުބައްޔާއި ވޭންދެނިވި އެތައް ބައްޔެއް ފެތުރޭ ކަމެއް ކަމަށެވެ. އަދި އިންސާނާގެ ޠަބީއަތުގައިވާ ޣަރީޒާތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކޮށްފައިވާ ގޮތް އިޚުތިޔާރު ކުރުމަށް ވަނީ ގޮވާލައިފަ އެވެ. މާތް الله ދެ ޖިންސުން އިންސާނުން ޚަލްޤު ކުރެއްވީ، އެބައިމީހުންގެ ނަސްލު ދެމެހެއްޓުމާއި ޙަލާލު ގޮތުގައި ޒަވާޖީ ޙަޔާތުގެ އުފާ ލިބިގަތުމަށް ކަމަށް ވެސް ވަނީ ބުނެފައި އެވެ.

މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"ބަޔަކު މީހުންގެ މެދުގައި ފާޙިޝު ޢަމަލުތައް ފެތުރި، އެ ކަން އާންމުކޮށްފި ކޮންމެ ހިނދަކު، އެބައިމީހުންގެ މެދުގައި طاعونބައްޔާއި، އެބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ޒަމާނުގައި ނުދެކޭ ވޭންދެނިވި ބަލިތައް ނުފެތުރި ނުދެ އެވެ."

މާތް ނަބިއްޔާ ޙަދީޘް ކުރައްވައިފައިވާ މިފަދަ ނުރައްކާތެރި ބަލިތައް އެންމެ ގިނައީ ފާޙިޝު އަމަލުތައް ހިންގާ މީހުންގެ މެދުގައި އެވެ. މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އެޗްއައިވީ ވައިރަހާއި އެއިޑުސް ބައްޔާއި މި ނޫނަސް ނުރައްކާތެރި އެތައް ބައްޔެއް އެންމެ ގިނައީ އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންގެ ތެރޭގައި ކަމަށް ވަނީ ބުނެފައި އެވެ. އަދި ފާޙިޝު އަމަލުތަކުގެ ސަބަބުން އެޗްއައިވީ އާއި އެއިޑުސްގެ އިތުރަށް، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީއާ އިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް ފަސޭހައިން ފެތުރޭ ކަމަށް ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރުން މިއަދު ދުނިޔޭގައި ވިޔަފާރީގެ އުސޫލުން ފާޙިޝު ޢަމަލުތައް ހިންގާ މީހުން ނުހަނު ގިނަ ކަމަށާއި، އެ މީހުން އެކަން ހިންގަނީ ޢާންމުކޮށް ފާޅުގައި ކަަމަށް ޚުޠުބާގައި ވަނީ ބުނެފައި އެވެ. އެއީ އެކިއެކި މަންސަތަކުގައި އަގުތަކާ އެކު އިއުލާނު ކޮށްގެން ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި އަހަރެމެންގެ ޤައުމު މިފަދަ ނުރައްކާތެރި ވަބާތަކުން ސަލާމަތްކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅާންވެއްޖެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. މައިންބަފައިންނާއި ބެލެނިވެރީން އަދި މުދައްރިސުންނާއި މުރައްބީން އަދި އެކިއެކި މުއައްސަސާތަކުގެ މަސްއޫލުވެރިން އެކަން ކުރަން ޖެހޭ ކަމަށް ގޮވާލި އެވެ. އެހެން ނޫން ނަމަ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ފާފަވެރިވުމުގެ އިތުރަށް ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ، މުޅި ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ޚުޠުބާގައި ވަނީ ލިވާޠުކުރުން ފަދަ ބަދު އަޚުލާޤީ އަމަލުތަކުގެ ސަބަބުން ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވެވި ވޭންދެނިވި ޢަޛާބުން އިބުރަތް ލިބިގަތުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް