އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަންނަ އޮކްޓޫބަރަށް ފަސްކޮށްފައިވާ ކަމަށް އެ ޕާޓީ އިން ހާމަކޮށްފި އެވެ.
އެމްޑީޕީ އިން އެންމެ ފުރަތަމަ ނިންމާފައި ވަނީ އެ ޕާޓީގެ ކޮންގްރެސް މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށެވެ. ނަމަވެސް، ބުރާސްފަތި ދުވަހު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ކޮންގްރެސް އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ތިން ވަނަ ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފައި އެވެ.
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވިދާޅުވެފައި ވަނީ، ކުރިން ސެޕްޓެމްބަރު މަހުގައި ބާއްވަން އޮތް ކޮންގްރެސް ފަސްކުރަން ޖެހުނީ ކޮންގްރެސް ބާއްވާނެ ތަނެއް ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ. މިހާރު އެމްޑީޕީ އިން ނިންމާފައި ވަނީ އެ ޕާޓީގެ ކޮންގްރެސް މާލޭ ސިޓީ ހޯލުގައި ބޭއްވުމަށެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ ކައުންސިލަރުން ބައިވެރިވާ، އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ހާމަކޮށްފައި އެވެ. މީގެ އިތުރުން ދާދި ފަހުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމަށް އައްޔަން ކުރެއްވި މުޙައްމަދު ޝިފާޒް ވިދާޅުވެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ކޮންގްރެސް އަކީ ވަރަށް މުހިންމު އެއްވުމެއް ކަމަށާއި، އެއީ ޕާޓީގެ އަސާސީ ޤަވާއިދާއި، ދެންވެސް ހުރި ކަންކަމާ މެދު ގޮތް ނިންމާ ބައްދަލުވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް