ކުރިއަށް އޮތް ދުވަސް ތަކުގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް މަތިވާނެ: ރައީސް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ ---
ކުރިއަށް އޮތް ދުވަސް ތަކުގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް މަތިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ރޭ ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެގޮތުން އިގްތިސާދު ރަނގަޅުކުރުމަށް މިހާރު ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮަޑަށް އިތުރުވާނެކަމަށެވެ.
ކުރިއަށް އޮތްތާންގައި ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ، ރިޒާވު ކޮންމެ މަހެއްގައި ވެސް ރަނގަޅުވަމުން އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ކުރި މަސައްކަތުން މިއަހަރު ފެށުނުއިރު ގައުމުގެ ރިޒާވު ތާރީހުގައި ވެސް މީގެ ކުރިން ރިޒާވު މަތި ނުކުރެވޭވަރަށް މަތިކުރެވުނުކަމަށެވެ. މިއަހަރުގެ ފެބްރުއަރީ މަސް އައިއިރު ރާއްޖޭގެ ރަސްމީ ރިޒާވް 1.2 ބިލިއަން ޑޮލަރަށް މަތިކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވިޔަފާރީގެ ބާޒާރަށް އައި ބޮޑެތި ބަދަލުތަކާއި ތެލުގެ އަގުތައް އިންތިހާއަށް އިތުރުވުމުގެ އިތުރުން ސުކޫކަށް މިއަހަރުގެ ޖޫން މަހު 520 މިލިއަން ޑޮލަރު ދެއްކުމުން ރިޒާވު ދަށްވިކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ.
ނަމަވެސް ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުންނަށް ދަތި ނުވާނޭ ގޮތަށް، ބޭހާއި ކާޑާއި، ބޭރުގައި ކިޔަވާ ކުދިންގެ ކަންތައްތަކާއި، އަދިވެސް މުހިންމު ކަންކަން ކުރަމުން ގައުމު ޑިފޯލްޓުނުވެ ދަރަނިތައް ދައްކަމުން ގެންދަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް