ކުޅިވަރު

އޭއެފްސީ ކަޕްގައި މިފަހަރު ވެސް މާޒިޔާއަށް މާޔޫސްކަން، މާޒިޔާ ބަލިކޮށް ރެގާރު މުބާރާތަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އޭއެފްސީ ކަޕްގައި މިފަހަރު ވެސް މާޒިޔާއަށް މާޔޫސްކަން، މާޒިޔާ ބަލިކޮށް ރެގާރު މުބާރާތަށް

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފިކޭޝަންގައި މާޒިޔާއާއި ރެގާރު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖްސް

މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީމު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ތަޖިކިސްތާނުގެ ރެގާ ޓަޑާޒްއިން އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މުބާރާތުގެ ކޮލިފިކޭޝަން މެޗުގައި ރެގާރު އަތުން މާޒިޔާ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ މޮޅު ކުޅުމެއްދައްކައި ރެގާރުއަށް އެމީހުންގެ ގޭމަށް ވަނަނުދީ، ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުކުރެ އެއް ޓީމަކަށްވެސް ގޯލެއް ނުޖެހިއެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ރެގާރުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ފާހުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ގޯލެއް ޖަހައި ލީޑުނަގައިފައެވެ. އެ ގޯލަކީ މެޗުގެ 50 ވަނަ މިނެޓުގައި ރެގާރުގެ އަޒީޒްބެކް ހައިތޯވް، މާޒިޔާގެ ވައަތްފަޅިން އަރައި ގޯލްގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ އޯޒޮދްބެކް ފަސޭހަކަމާއެކު ގޯލުގެތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އެ ގެޯލާއެކު ރެގާރު ހަމަޖެހިލުމާއެކު މާޒިޔާއިން ވަނީ ގޯލެއް ޖެހުމަށް ބަދަލުތަކެއް ގެނެސް ކުރިއަށް ނިކުމެ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. މާޒިޔާއިން ކުރިއަށް ނިކުމެ ކުޅެން ފެށުމާއެކު ކައުންޓަ އެޓޭކުގައި ރެގާރުން ވެސް ދިޔައީ މާޒިޔާ ޑިފެންސަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 89 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ދެވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އޯޒޮދްބެކް ޕަންޖިއެވް ނަގައިދިން ބޯޅައަކުން އެ ޓީމުގެ ޝަރްޒޮދު މަހަމަދި ކާމިޔާބުކޮށްދިން ގޯލެކެވެ.

Uploaded image

އޭގެ ހަތަރު މިނެޓު ފަހުން ރެގާރުން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލުޖަހައިފައެވެ. މާޒިޔާގެ ކުޅުންތެރިން ކުރިއަށް އަރާތިބި ވަގުތު ކައުންޓަ އެޓޭކްގައި އުފެއްދި ފުރުސަތުގައި އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަފަރޯވް އަމިރުދްޒޯންއެވެ.

މާޒިޔާއިން މި ސީޒަންގައި ކަނޑައެޅި އެއް ޓާގެޓަކީ އޭއެފްސީ ޗެލެންޖާސް ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމެވެ. ރާއްޖޭގެ މުބާރާތްތަކުގައި މާޒިޔާއިން ރަން ވަނަތަކެއް ހޯދި ނަމަވެސް އޭފްސީ ކަޕްގައި އެ ޓީމަށް އެންމެ އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވެއެވެ.

މިދިޔަ އަހަރު ވެސް މާޒިޔާ ވަނީ ޗެލެންޖާސް ލީގުގެ ކޮލިފިކޭޝަންގެ މެޗުން ބަލިވެފައެވެ. އެހެންނަމަވެސް ޗެލެންޖާސް ލީގު އަލަށް އުފެއްދި އަހަރު 2024 ވަނަ އަހަރު އެ ޓީމުން ވަނީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައެވެ. އެ އަހަރު ކުވެއިތުގައި ސެންޓްރަލައިޒްކޮށް ބޭއްވި ގްރޫޕް ބީގެ ތިން މެޗުން ވެސް މާޒިޔާވީ ބައްޔެވެ.

މީގެ ކުރިންް، އޭއެފްސީ ކަޕްގައި ރާއްޖޭން ކުޅުނުއިރު، ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕް ޗެމްޕިއަން އަށް ކޮލިފައިން ޖާގައެއް ދިނެވެ. އެކަމަކު، އޭއެފްސީން ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓް ބަދަލުކުރި ފަހުން، ގައުމުތަކުގެ ލީގުތަކުގެ ފެންވަރާއި ކޯއެފިޝަންޓް ޕޮއިންޓް ސިސްޓަމަށް ބަލައި، ފުރުސަތު ދޭން ފެށި ފަހުން ރާއްޖެ އަށް ލިބެނީ އެންމެ ޖާގައެކެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް