ކުޅިވަރު

ދިއްދޫ އަތުން ވިކްޓަރީ އަށް އުނދަގޫ މޮޅެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ދިއްދޫ އަތުން ވިކްޓަރީ އަށް އުނދަގޫ މޮޅެއް

ދިއްދޫ އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ ސްޕޯޓްސް އަތުން 4-3 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅު ވެއްޖެ އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީ ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެ ޓީމަށް ގޯލުތައް ޖަހައިދިނީ އަހުމަދު ރިޒްވާން (ރިޒޭ) އާއި ނާއިޒް ހަސަން (ދާދު) އެވެ. ރިޒޭ ދެ ގޯލު މި ހާފުގައި ޖަހައިދިނެވެ.

ދެވަނަ ހާފުގައި ދިއްދޫ ވަނީ ކުޅުން ރަނގަޅުކޮށް ތިން ގޯލު ޖަހައި ނަތީޖާ އެއްވަރު ވެސް ކޮށްފަ އެވެ. ވިކްޓަރީ ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީއަކުން ޓެއްޓޭ ގިޑީއަން ފުރަތަމަ ގޯލު ޖެހި އިރު، ދެވަނަ ލަނޑު ޖެހީ ހުސެއިން ޒިމްޔާން އެވެ. އަދި 83 ވަނަ މިނިޓުގައި ދިއްދޫން ނަތީޖާ އެއްވަރު ކުރީ ޓެއްޓޭ ދުރުން ފޮނުވާލި ހަމަލާއަކުންނެވެ.

ނަމަވެސް ދިއްދޫ އަށް މެޗު ގެއްލުނީ އޭގެ ދެ މިނިޓް ފަހުން އަލީ ޝާމިސް (ތޮއްޕޭ) ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ދިއްދޫ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުންނެވެ.

ލީގުގައި އިއްޔެ ހަވީރު ގދ. ގައްދޫގައި ވެސް މެޗެއް ކުޅުނެވެ. އެ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ވަނީ 4-2 އިން ގައްދޫ ރެކްރިއޭޝަންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

Uploaded image

ޓީސީ ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައިފަ އެވެ. ފުރަތަމަ ދެ ގޯލު މުހައްމަދު އަޝްރަފް މަހުމޫދު މުސްތަފާ ޖެހި އިރު ތިންވަނަ ލަނޑު ޕެނަލްޓީއަކުން ޖެހީ މެގްސަން ޑުރާޑޯ އެވެ. މި ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ގައްދޫގެ ފުރަތަމަ ލަނޑު ޖެހީ ޖެމޮވިޗް އޫރޯސް އެވެ.

މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ގައްދޫގެ އެމަނުއެލް އޮލުބެންގާ މަކިންޑޭ ގައްދުއަށް ފަރަގު ކުޑަ ކޮށްދީ ޕޮއިންޓެއްގެ އުންމީދު އާ ކޮށްދިން ނަމަވެސް، ޓީސީން ވަނީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްފަ އެވެ. މި ގޯލު ޖަހައިދިނީ ފަހު ހާފުގައި ކުޅެން އެރި މާޔިޒް މުހައްމަދެވެ.

މިއީ ޓީސީ ސީޒަންގައި ހޯދި ފުރަތަމަ މޮޅެވެ. ވިކްޓަރީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅު ވެފަ އެވެ. ދިއްދޫ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާފައި ވާއިރު، ގައްދުއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް