ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ސީބީއެލް ހޯދައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ ޗެމްޕިއަން ސީބީއެލް. -- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ
ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖް ކަޕް 2026 ގެ ފައިނަލްގައި، އެންމެ ފަހުގެ މޯލްޑިވްސް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މުޅިން އަލަށް ހޯދި މާލޭ ސްޕޯޓްސް ކްލަބުގެ މައްޗަށް 56 ލަނޑުގެ ތަފާތަކުން މޮޅުވެ، ސީބީއެލް ސްޕޯޓްސް ޗެމްޕިއަންކަން ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ސީބީއެލްއިން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި 3 ވިކެޓަށް 185 ލަނޑު ހަދާފައިވެ އެވެ. މި އިނިންސްގައި އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 80 ރަން ހެދި ތަރަކަ ރުވާން އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އޭނާ އެވެ.
މީގެއިތުރުން އަޝާން ޔާޕާ 36 ބޯޅައިން 49 ރަން ހެދިއިރު، އާދަމް ނާސިފް އުމަރު (އާދަޅޭ) ވަނީ 17 ބޯޅައިން 27 ރަން ހަދައިފަ އެވެ.
މާލެ ސްޕޯޓްސް ކްލަބަށް 20 އޯވަރު ހަމަވިިއިރު 7 ވިކެޓަށް ނެގުނީ 129 ރަން އެވެ. މާލެ ސްޕޯޓްސް ކްލަބުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 34 ރަން ހެދި އިސްމާއިލް އަލީ އާއި 20 ބޯޅައިން 25 ރަން ހެދި މުހައްމަދު ރިޝްވާން އެވެ.
ސީބީއެލްއިން އެންމެ ރަނގަޅަށް އުކީ 19 ރަންއަށް 3 ވިކެޓް ނެގި ޕްރަގީތު ގުނަތިލަކަ އެވެ. މީގެއިތުރުން ލަހީރު ވިކްރަމަސިންހާ ވަނީ ދެ ވިކެޓް ނަގާފަ އެވެ. މާލެ ސްޕޯޓްސް ކްލަބުގެ މުހައްމަދު މަހްފޫޒް އަދި އަދުނާން މާރިކާރު ވެސް ވަނީ ފުރަތަމަ އިނިންގްސްގައި މުހިންމު ވިކެޓްތަކެއް ނަގައިފަ އެވެ.
ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގައި ހަތަރު ޓީމެއް ވާދަ ކުރި އެވެ. އެއީ މޯލްޑިވްސް ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ، ޗެމްޕިއަން މާލޭ ސްޕޯޓްސް ކަލަބާއި ރަނަރަޕް ސީބީއެލްގެ އިތުރުން ތިންވަނައަށް ދިޔަ އަނާކީ ސްޕޯޓްސް އަދި ހަތަރުވަނައިގައި ނިންމި ނިއު ސްޓާ އެވެ. އަނާކީ އަކީ މި އަހަރުގެ ޓީ20 ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ކްލަބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް