އަންނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ގޮތުގައި ފާހަގަކޮށް، ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒު ހިފަނީ
ލިޔުންތެރިޔާ
ފަތުރިވެރިން ---
އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އަހަރު"ގެ ގޮތުގައި ފާހަގަކޮށް، އަންނަ އަހަރު ފަތުރުވެރިން އަންނަ އަދަދު އިތުރުކުރުމަށް އަމާޒުހިފާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު މަޖިލީހަށް ހުށަހަޅަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ދުވެލީގެ މައި ހަކަތައަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމުގައިވެފައި، ކުރިއަށް އޮތް 2027 ވަނަ އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ވަރުގަދަކޮށް، އޭގެ މަންފާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި 2027 ވަނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވ އަންނަ އަހަރު ރާއްޖެއަށް އާންމު އުޞޫލުން ގާތްގަނޑަކަށް 2.28 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މީގެއިތުރުން' ވިޒިޓް މޯލްޑިވްސް އަހަރު' ގެ ޚާއްޞަ ހަރަކާތްތަކުގެ ސަބަބުން އިތުރު ދެ ލައްކަ ފަތުރުވެރިން ގެނެވި، ޖުމްލަ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަކަށް ވާސިލުވުމަށް ވަނީ ރޭވިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އަމާޒު ކާމިޔާބުކުރެވޭނީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިން ގުޅިގެން ކުރާ މަސައްކަތުންކަން ފާހަގަކުރައްވަމުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، އެއާލައިންތައް އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރުގެ އޮފް-ޕީކް ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށާއި، ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުގެ ޢަދަދު އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރުމަށް ރޭވިފައިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ހުރިހާ އަސާސެއް ބިނާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ކުރައްސަވައިފާ 2040 ވަނަ އަހަރު އަންނައިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމުގެ މަގު ޗާޓެއްގެ ގޮތުގައެވެ.
އަންނަ އަހަރުގައި އާމްދަނީ އިތުރުކުރުމަށް އެއްވެސް ޓެކުހެއް މަތިނުކުރުމަށް ނިންމައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދައުލަތުގެ ޓެކުހެގެ ނިޒާމު ހަރުދަނާކޮށް މިހާރު ހުރި ލޫޕް ހޯލްސްތައް ބައްދައި ޒަމާނީ އީ އިންވޮއިސް ނިޒާމެއް ގާާއިމްކުރަން ނިންމައިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނީ ޒަމާނީ އުމްރާނީ ވަސީލަތްތަކާއި، ޒަމާނީ ދަތުރުފަތުރުގެ ނިޒާމާއި، ޒަމާނީ ސިއްހީ ހިދުމަތާއި، ފެންވަރު ރަނގަޅު ތައުލީމާއި އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުސަތުތައްކަމަށެވެ.
ޖުމުލަކޮށް އަންނަ އަހަރުގެ ބަޖެޓު ވާނީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ވަށާޖެހޭ ނިޒާމެއް ގާއިމްކުރެވޭނެ ބަޖެޓަކަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހުރިހާ ކުރިއެރުމެއް ވެސް ހޯދާނީ ދިވެހިންގެ އަމިއްލަ ވަންތަކަމާ އެއްބައިވަންތަކަމާ މިނިވަންކަން ހިމަޔަތްކުރެވިރެވިފައި މާހައުލެއްގައިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް