Article Top
ޚަބަރު •

ބަޖެޓު 2027: 2040 ގައި ދިވެހިރާއްޖެ އަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ބިންގާ އަޅައިދޭ ބަޖެޓު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބަޖެޓު 2027: 2040 ގައި ދިވެހިރާއްޖެ އަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ބިންގާ އަޅައިދޭ ބަޖެޓު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު 2027.

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތް ސަތޭކަ ހަތަރު މިލިއަން، ހަތަރު ލައްކަ ސާޅީސް ހާސް ހަތް ސަތޭކަ ނުވަ ދިހަ ފަސް ރުފިޔާ) ގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވެ އެވެ.

މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިއަދު ހުށަހެޅުނު މި ބަޖެޓުގެ އެންމެ އިސް އަމާޒަކީ 2040 ވަނަ އަހަރު ދިވެހިރާއްޖެ އަކީ ކުރިއަރާފައިވާ ޤައުމަކަށް ވާސިލުވުމަށްޓަކައި ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތަކުގެ ބިންގާ އެޅުމާއެކު، މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމެވެ.

Advertisement
Article Inside

މި އަމާޒަށް ވާސިލުވުމަށްޓަކައި، ތަރައްޤީގެ ސާފު މިސްރާބެއް ކަނޑައަޅައިދޭ "ޤައުމީ ތަރައްޤީގެ ޕްލޭން" ގެ ދަށުން މަސައްކަތްތައް ތަރުތީބު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، އިޤްތިޞާދު ހަމަޖެހުމަކަށް ގެނެސް، ދައުލަތުގެ ދަރަންޏާއި މާލިއްޔާ ދެމެހެއްޓެނިވި މަގަކަށް ރުޖޫއަ ކުރުމުގެ ތެރެއިން، ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓު ކުރުމަށާއި، އިޤްތިޞާދު ވަރުގަދަ ކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަކީ މި ތަރައްޤީގެ ޕްލޭންގެ އެއް އަސާސްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިގޮތުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭރުގެ މާލީ އެހީތެރިކަން ހޯދުމާއި، ދައުލަތުގެ އިންވެސްޓްމަންޓްތައް ރޭވުމާއި ތަންފީ ޒުކުރުން ހަރުދަނާކޮށް، ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ޒިންމާދާރުކަމާއެކު ބޭނުން ކުރުން ކަށަވަރު ކުރާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ އަރުވައިފަ އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ 2040 ވަނަ އަހަރުގެ ތަސައްވުރުގައި ހިމެނެނީ، ޒަމާނީ އިންފްރާސްޓްރަކްޗަރާއި ދަތުރުފަތުރުގެ ނިޒާމު، ޒަމާނީ ޞިއްޙީ ޚިދުމަތާއި ފެންވަރު ރަނގަޅު ތަޢުލީމު، ފުރިހަމަ އިޖުތިމާއީ ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތަކެވެ. އަދި ޖުމްލަކޮށް ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ވަށާޖެހޭ ނިޒާމެއް މި ތަސައްވަރުގައި އެކުލެވިގެންވެ އެވެ. މިނިސްޓަރު ޒަރީރު ފާހަގަ ކުރެއްވި ގޮތުގައި، މި ހުރިހާ ކުރިއެރުމެއް ވެސް ހޯދާނީ ޤައުމީ ވަންތަކަމާއި، އެއްބައިވަންތަކަމާއި، މިނިވަންކަމާއި ސިޔާދަތު ފުރިހަމަ އަށް ހިމާޔަތްކުރެވިފައިވާ މާހައުލެއްގައި އެވެ.

 މީގެ އިތުރުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ރަސްމާލެ ވޯޓާފްރަންޓް އަދި މެރީނާ ބޭ މަޝްރޫއަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު، ދިވެހިރާއްޖެ އަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ އުންމީދީ ދަތުރުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަން އައު ހަރުފަތަކަށް ގެންދިޔުމުގެ ޤާބިލުކަން ލިބިގެންވާ މި އިންވެސްޓްމަންޓުގެ ސަބަބުން، ދައުލަތުގެ އާމްދަނީ އިތުރުވެ، އިޤްތިޞާދު ޑައިވާސިފައިވެ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.  މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް އައު ފުރުސަތުތަކެއް ފަހިކޮށްދީ، އަންނަން އޮތް ޖީލުތަކަށް ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް މަގުކޮށައިދޭނެ މުހިންމު މަޝްރޫއެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިއަދު ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ އަށް ވާސިލުވުމަށްޓަކައި އެޅޭ ބިންގަލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ޤައުމީ ތަސައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވައިލާފައިވާ ބަޖެޓެއްކަން ވެސް މިނިސްޓަރު ޒަރީރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، މި އަމާޒަށް ވާސިލުވުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތް ތަކެއްކޮށް، ވަށާޖެހޭ ނިންމުންތަކެއް ކޮންމެހެން ބޭނުންތެރިކަމަށާއި، މި ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ ވަރުގަދަވެ، އާންމު ޚިދުމަތްތައް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުޞަތުތައް އިތުރު ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއަދު އަޅުގަނޑުމެން ހޯދާ ކުރިއެރުމަކީ، އަންނަން އޮތް ޖީލުތަކަށް ފާގަތި އަދި ވިލުންވެރި ރާއްޖެއެއް ބިނާ ކުރުމަށް މަގުފަހިކޮށްދޭނެ ކަންކަމަށް ވާން ޖެހޭ ކަމަށް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް