ޚަބަރު

އެވެރިންނަށް އޮތީ ލޯނު ނެގުން، މިވެރިންނަށް އޮތީ ދެއްކުން: އިހުސާން

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އެވެރިންނަށް އޮތީ ލޯނު ނެގުން، މިވެރިންނަށް އޮތީ ދެއްކުން: އިހުސާން

މިނިސްޓަރު އިހުސާން ---

އެވެރިންނަށް އޮތީ ލޯނު ނެގުން، މިވެރިންނަށް އޮތީ ދެއްކުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް އެއްކޮށް ދައްކައި އެ ލޯނު އެއްކޮށް ޚަލާސްކުރުމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިހުސާން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އިދިކޮޅު އެމްޑީޕީން ގައުމު ބަނގުރޫޓުވާނެކަމަށް 10 ފަހަރަށްވުރެ ގިނައިން ބުނެފައިވާކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ބަނގުރޫޓު ވަނީ އެމީހުންކަމަށް އިހުސާން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފަައިވަނީ މިއީ ކުރީ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރުމަތިން ނެގި 150 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލެއްކަމަށެވެ.

މި ފެސިލިޓީގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަހަރުގެ ޖެނުއަރީ މަހު ދައްކާފައިވާއިރު، އިތުރު 50 މިލިއަން ޑޮލަރު ވަނީ މޭ މަހުގެ 11 ވަނަ ދުވަހު ދައްކާފައެވެ. މިއަދު ދެއްކި ފައިސާއާއެކު، ޖުމްލަ 150 މިލިއަން ޑޮލަރުގެ މި ދަރަނި ވަނީ އެއްކޮށް އަދާކޮށް ނިމިފައިވާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ނިމިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ފައިސާ ހުރި އަދަދެއް ކަމަށް ސަރުކާރުން ގަބޫލުކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް