ޚަބަރު

ރައީސް ނަޝީދުގެ ސުވާލެއް: އިންވެސްޓުމަންޓަށް ފަހު ރަސްމާލެއިން ރަލާއި އޫރުމަސް ލިބޭނެތޯ؟

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރައީސް ނަޝީދުގެ ސުވާލެއް: އިންވެސްޓުމަންޓަށް ފަހު ރަސްމާލެއިން ރަލާއި އޫރުމަސް ލިބޭނެތޯ؟

ރައީސް ނަޝީދު --

އީގަލް ހިލްސްއިން ރަސްމާލޭގައި ކުރާ އިންވެސްޓުމަންޓަށްފަހު ރަސްމާލެއިން ރަލާއި އުރުމަސް ލިބޭނެތޯ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސުވާލުކޮށްފި އެވެ.

އިއްޔެ، ރާއްޖޭގަައި ހިންގޭ އެންމެ ބޮޑު އިންވެސްޓްމެންޓުގެ ގޮތުގައި ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރަން އީގަލް ހިލްއާއެކު އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ ރަސްމާލެ ތަރައްގީކުރަނީ މި ސަރުކާރުން ގެންގުޅޭ ހަލާލު ޓުއަރިޒަމްގެ މިންގަނޑުގައި ތޯ އައްސަވައިފައެވެ.

މީގެ އިތުރުން އެ މިންގަނޑުގައި ނޫން ނަމަ މިހާރު ވެސް ރާއްޖޭގެ ރިސޯޓުތައް ހިންގާ މިންގަނޑުގައި ރަލާއި އޫރުމަސް ރަސްމާލޭގައި ވިއްކޭ ގޮތައްތޯ ވެސް ރައީސް ނަޝީދު ސުވާލުކުރެއްވި އެވެ.

ރައީސް ނަޝީދު ވަނީ އިއްޔެ އެކްސްގައި އިތުރު ޕޯސްޓެއް ކުރައްވައި، ރަސްމާލޭގައި ވޯޓާފްރޮންޓެއް ތަރައްގީކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއީ މިވަގުތު ރާއްޖެ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށް ވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޝްރޫއުގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެ ތަނުން ދައުލަތަށް އެއްޗެއް ލިބޭން އަދި މަދުވެގެން ދެ އަހަރު ނަގާނެ ކަމަށެވެ. އެހެންކަމުން މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިއްޔެ ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމާލޭގައި އިންވެސްޓުކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވޮލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ކުރެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އީގަލް ހިލްސްގެ ޗެއާމަން އަދި ފައުންޑަރ މުހައްމަަދު އަލައްބާރު އަދި ދިވެހިރާއްޖޭގެ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ.

މި މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ފާހަގަކޮށް އީގަލް ހިލްސްއިން ބުނެފައިވަނީ މި މަޝްރޫއުގެ ތެރެއިން ރަސްމާލޭގައި ރިސޯޓުތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓަލްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރަށް ދުނިޔޭގެ ފެންވަރުގެ މެރީނާ އަދި ވޯޓާފްރޮންޓުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ޖުމްލަ ޚަރަދުވެގެންދާ ފައިސާ އަކީ އެއްފަހަރާ ޚަރަދުވެގެންދާ އަދަދު ނޫން ކަމަށާއި 20 ބިލައަން ޑޮލަރަކީ މި މަޝްރޫއުގެ އެކި ފިޔަވަހިތަކަށް ބަހައިލެވިގެން ޚަރަދުކުރެވޭ އަދަދެއްކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމެންޓު ލިބޭނެ ކަަމަށާއި މީގެ ތެރެއިން 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމެންޓް ހިމެނިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54000 އަށްވުރެެ ގިނަ ވަޒީފާތައްް އުފެދިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް