2028ގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް މުއިއްޒަށް އަރުވައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އެރުވުން -- ފޮޓޯ/ ޕީއެންސީ
ރިޔާސީ އިންތިހާބު 2028 ގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމުގެ ރިޔާސީ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ ޕާޓީގެ ކޮންގްރެސްއިން އަރުވައިފި އެވެ.
ރައީސް މުޢިއްޒަށް ޓިކެޓް އެރުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
މި ޓިކެޓް ރައީސަށް ދިނުމަށް ފާސްކުރީ ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު ޢަބްދުﷲ އިބްރާހީމް ހުށަހެޅުއްވި ގަރާރަކުންނެވެ. ކޮންގްރެސްގައި ބައިވެރިވި 1,119 މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރުގައި ބުނެފައި ވަނީ، ރައީސް މުޢިއްޒު ގައުމަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތައް މެދުކެނޑުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާ ކަމަށެވެ. އަދި މި ގަރާރަށް ޕީއެންސީގެ އާ ލީޑަޝިޕުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ (ބ) ގައި ބުނެފައިބާ ގޮތުން، ވެރިކަމުގައި ހުންނެވި އެ ޕާޓީގެ މެންބަރަކު، ދެވަނަ ދައުރަކަށް ވާދަކުރައްވަން ޕާޓީގެ މެމްބަރުންގެ މަޖިލީހަށް ނުވަތަ ކޮންގްރެސް އަށް ހުށަހަޅައިފި ނަމަ، އިތުރު ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ރިޔާސީ ޓިކެޓް ކަށަވަރުވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް