Article Top
ކުޅިވަރު •

ވިކްޓްރީ އާއި މާޒިޔާ އެއްވަރު

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ވިކްޓްރީ އާއި މާޒިޔާ އެއްވަރު

މާޒިޔާ އާއި ވިކްޓަރީ ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް 2-2 އިން އެއްވަރު ވެއްޖެ އެވެ.

މި ނަތީޖާއާއެކު، ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ވިކްޓަރީ އޮތީ ލީގު ތާވަލުގެ ކުރީގައެވެ. މެޗުން މޮޅެއް ނުލިބި މާޒިޔާ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު ލީގުގެ ހަވަނައިގަ އެވެ.

Advertisement
Article Inside

އިއްޔެގެ މެޗުގެ 29 ވަނަ މިނިޓުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި އުޒްބެކިސްތާން ޑިފެންޑަރު ފުރްކަޓޯން ހަސަންބޮއޭވް ވަނީ ލަނޑެއް ޖަހައި ވިކްޓަރީއަށް ފުރަތަމަ ލީޑު ނަގައިދީފަ އެވެ.

މާޒިޔާ ފުރަތަމަ ނަތީޖާ އެއްވަރު ކުރީ ދެވަނަ ހާފު ފެށިގެން 10 މިނިޓު ތެރޭގައި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ޖެހި ގޯލުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސާނޭ އެވެ.

އެއަށް ފަހު 81 ވަނަ މިނިޓުގައި، މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުމަދު އައިހަމް (ފަތޯ) ޖެހި ގޯލުން މާޒިޔާއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި ނަމަވެސް، މާ ގިނައިރުތަކެއް ނުވަނީސް، ވިކްޓަރީގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ.

މި މެޗުގައި މާޒިޔާގެ އެއްވަނަ ގޯލްކީޕަރު ހުސެއިން ޝަރީފް ބަލިވެ އުޅޭތީ އޭނާގެ ބަދަލުގައި ގޯލު ބެލެހެއްޓީ އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ. ވިކްޓަރީ އަށް މި ސީޒަންގައި ބަދަލުވި މުހައްމަދު ޝަފީއު (ޗެކް) ލީގު ފުރަތަމަ މެޗުގެ ކުރިން އިނގިއްޔަކަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރެ، އޭނާ ވަނީ އިއްޔެގެ މެޗުގައި ފުރަތަމަ ފަހަރަށް ސްޓާޓް ކޮށްގެން ކުޅެފަ އެވެ.

މީގެ އިތުރުން ވިކްޓަރީގެ ނާއިޒް ހަސަން (ދާދު) ވެސް އިއްޔެގެ މެޗުގެ ސްކޮޑުގައި ހިމަނައިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް