ކުޅިވަރު

އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ ރެފްރީކަން ކުރުމުގެ ފުރުސަތު އިންމަ އަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ ރެފްރީކަން ކުރުމުގެ ފުރުސަތު އިންމަ އަށް

އިންމަ މިދިޔަ އަހަރުގެ އޭޝިއަން ޔޫތު ގޭމްސްގައި. -- ފޮޓޯ/ ފޭސްބުކް

މި މަހު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ތަޖުރިބާކާރު ރެފްރީ އިސްމާޢީލް އަބްދުﷲ (އިންމަ) އަށް ލިބިއްޖެ އެވެ.

އިންމަ އަށް މި ފުރުސަތު ލިބިފައިވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން (އޭވީސީ) ގެ ދައުވަތަކަށެވެ.

އިންމައަކީ ބީޗް ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ރެފްރީއެކެވެ. އެގޮތުން އޭނާ ހާވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ގައި އަންހެން އަދި ފިރިހެން ބައިގެ ފައިނަލް މެޗުތަކުގެ ރެފްރީކަން ކުރުމުގެ އިތުރުން، އޭވީސީގެ ޖޫނިއާ ހަތަރު ބީޗް ވޮލީ މުބާރާތެއްގައި ރެފްރީކަން ކޮށްފަ އެވެ. އަދި މިދިޔަ އަހަރު ބަހްރޭނުގައި ބޭއްވި ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގެ ބީޗް ވޮލީގެ ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި އެވެ.

އިންމަ އަކީ ރާއްޖޭގެ ތަޖުރިބާކާރު ބައިނަލްއަގުވާމީ ރެފްރީ ހުސެއިން މުހައްމަދަށް ފަހު، އޭވީސީގެ ރެފްރީކަމުގެ ދަރަޖަ ހާސިލުކުރި ރާއްޖޭގެ ދެވަނަ ރެފްރީ އެވެ.

އޭނާ 2018 ވަނަ އަހަރު ބީޗް ވޮލީ ރެފްރީ ކޯސް ފުރިހަމަކުރުމަށްފަހު ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތްކޮށް، ފުރިހަމަކުރަންޖެހޭ ބައިނަލްއަގުވާމީ މެޗުތަކުގެ އަދަދު ހަމަކޮށްގެން އޭވީސީ ރެފްރީކަމުގެ ދަރަޖަ ރަސްމީކޮށް ހާސިލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް