ޚަބަރު

ރައްޔިތުންގެ އުންމީދުތައް ވަނީ ޕީއެންސީ އާއެކު: މިނިސްޓަރު ޝިޔާމް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައްޔިތުންގެ އުންމީދުތައް ވަނީ ޕީއެންސީ އާއެކު: މިނިސްޓަރު ޝިޔާމް

ޕީއެންސީގެ ނައިބު ރައީސް އަޙުމަދު ޝިޔާމް

ދިވެހިރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާއެކު ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ދެއްވި އިންޓަވިޔުގެ ތެރެއިން މިނިސްޓަރު ޝިޔާމް ވިދާޅުވީ ޕީއެންސީ އަކީ ރާއްޖޭގެ ވެރިކަމުގައި އޮތް ޕާޓީ ކަމަށާއި، ރައްޔިތުންގެ އުންމީދުތައް އޮތީ އެ ޕާޓީއާއެކު ކަމަށެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީ އަކީ ޕީއެންސީ ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި ކޮންގްރެސް އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކޮންގްރެސް ކަމަށެވެ.

ކޮންގްރެސް އިން ނިމިގެން ދަނީ ޕީއެންސީގެ ކުރިމަގު ކަމަށާއި، ރައްޔިތުނަށްޓަކައި ކުރަމުން އަންނަ ވެރިކަމުގައި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ވެސް ދެނެގަނެވިގެންދާނެ ކަމަށެވެ. ހުރިހާ ރަށަކުން ވެސް ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވާއިރު، މިއީ މުޅި ރާއްޖެ ބައިވެރިވާ ކޮންގްރެސްއެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުން ގެނެވޭ ވާހަކަތައް ކޮންގްރެސްގައި މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި، ޕާޓީގެ ކަންތައްތަކާއި، ރަށް ރަށުން ބޭނުންވާ ކަންކަން ސަރުކާރާ ހިއްސާ ކުރުމުގެ ބައްދަލުވުންތައް ވެސް ބޭއްވިގެންދާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. އެހުރިހާ ކަންކަމާ އެކު ޕީއެންސީގެ ކޮންގްރެސް އަކީ ވަރަށް ފައިދާހުރި، އަދި ބޭނުންތެރި ބައްދަލުވުމެއް ކަމަަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީ އާއި ޕާޓީގެ އެންމެ ބޮޑު މަސައްކަތަކީ، އަދި އަމާޒަކީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވުމަކީ ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިންމު ކަންތައް ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައި އެވެ.

ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް މަޤާމު ތަކަށް މެމްބަރުން އިންތިޚާބު ކޮށްފައިވާއިރު، އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް މިނިސްޓަރު ޝިޔާމް ވަނީ އިންތިޚާބު ކުރައްވައިފަ އެވެ. މިނިސްޓަރު ޝިޔާމް ވަނީ އޭނާ އަށް ވޯޓު ދެއްވައި އެންމެ މެމްބަރުންނަށް ޝުކުރު އަދާ ކުރެއްވުމާ އެކު، ޕާޓީގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް