އޭޝިއަން ގޭމްސް 2026: 10 މީޓަރު އެއާ ރައިފަލް އިވެންޓުން އީޝާ ގައުމީ ރެކޯޑް އާކޮށްފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އީން މިއަދުގެ އިވެންޓްގައި -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
އޭޝިއަން ގޭމްސް 2026 މިއަދު ފެށިގެން ކުރިއަށް ދާއިރު، މިއަދު އޮތް 10 މީޓަރު އެއާ ރައިފަލް އަންހެން ބައިގައި ވާދަކޮށް، ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު ބޮޑު ކުރިއެރުމަކާއެކު ގައުމީ ރެކޯޑް އާކޮށްފި އެވެ.
މި އިވެންޓުގައި ރާއްޖޭގެ ތިން އެތުލީޓުން ވާދަކުރި އެވެ. އެގޮތުން ފުރަތަމަ ރިލޭގައި ވާދަކުރި އައިޝަތު އީން އަސްލަމް ވަނީ 609.9 ގެ ސްކޯއެއް ހޯދައި އީޝާ އަތުގައި އޮތް ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ކުރިން މި ރެކޯޑް އީޝާގެ އަތުގައި އޮތީ 2025 ވަނަ އަހަރުގެ ގައުމީ ޝޫޓިން ޗެމްޕިއަންޝިޕްގައި 609.6 ޕޮއިންޓް ހޯދައިގެންނެވެ. އެއީ 19 ވަނަ އޭޝިއަން ގޭމްސްގައި 605.9 ޕޮއިންޓާއެކު ޝަރަފިއްޔާ އަބަދުއްރަހުމާނު ހަދާފައިވާ ރެކޯޑް މުގުރާލުމަށްފަހު އެވެ.
ފުރަތަމަ ރިލޭގައި ދެން ވާދަކުރި އައިނާ ޝުއާ އަޚްތަރު އިބްރާހީމް ވަނީ 599.5 ޕޮއިންޓް ހޯދައިފަ އެވެ.

އީން. -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
ދެވަނަ ރިލޭގައި ނުކުމެ އީޝާ ވަނީ 624.1 ޕޮއިންޓް ހޯދައި، އީން ހެދި ރެކޯޑް މުގުރާލުމަށްފަހު އަލުން ގައުމީ ރެކޯޑް އާކޮށްފަ އެވެ.
މި އިވެންޓުގެ އިންޑިވިޖުއަލް ކޮލިފިކޭޝަންގައި ވާދަކުރި 55 އެތުލީޓުންގެ ތެރެއިން އީޝާ ނިންމާލީ 29 ވަނައިގައެވެ. މި ބުރުގެ އެއްވަނަ ހޯދީ 636.8 ޕޮއިންޓާއެކު ކޮލިފިކޭޝަން ބުރުގެ އޭޝިއާ އަދި އޭޝިއަން ގޭމްސްގެ ރެކޯޑް މުގުރާލި ޗައިނާގެ ވަންގް ޒިފޭއީއެވެ. ކޮލިފިކޭޝަން ބުރުގެ ދުނިޔޭގެ ރެކޯޑް ވެސް އޮންނަނީ ވަންގް ޒިފޭއީ އަތުގަ އެވެ. އެއީ 637.9 ޕޮއިންޓާ އެކު އެވެ.

އައިނާ ޝުއާ -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ދިދަ އުފުލާލުމުގެ ޝަރަފުވެސް ހޯދާފައިވާ އީޝާގެ މި ކާމިޔާބީއަކީ ރާއްޖޭގެ ޝޫޓިންއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
ދިހަ މީޓަރު އެއާ ރައިފަލް އަންހެނުންގެ ޓީމް އިވެންޓް ވެސް މިއަދު ކުރިއަށް ދިޔަ އެވެ. އީޝާ އާއި އީން އަދި އައިނާ ޝުއާ ވާދަކުރި ޓީމު ވަނީ 1833.5 ޕޮއިންޓް ހޯދައިފަ އެވެ. މިއިވެންޓުން ރަން މެޑަލް ހޯދީ 1904.2 ޕޮއިންޓް ހޯދައިގެން ދުނިޔޭގެ ރެކޯޑަކާ އެކު ޗައިނާ އެވެ. ރިހި މެޑަލް ހޯދި އިންޑިއާ އަށް 1898.0 ޕޮއިންޓް ލިބުނު އިރު ޖަޕާން ވަނީ 1897.1 ޕޮއިންޓާ އެކު ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް