ޚަބަރު

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ރާފިޢު، ޝިޔާމް، ސައުދާ، ޝުޖާއު، ސައީދު އަދި މުންދު އިންތިޚާބު ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ރާފިޢު، ޝިޔާމް، ސައުދާ، ޝުޖާއު، ސައީދު އަދި މުންދު އިންތިޚާބު ކޮށްފި

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކުރި ބޭފުޅުން

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސުންގެ މަޤާމަށް ހަ ބޭފުޅުން އިންތިޚާބު ކޮށްފި އެވެ.

ޕީއެންސީގެ ނައިބު ރައީސުން އިންތިޚާބު ކޮށްފައި ވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގައި އެވެ. ބުދަ ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބުގައި ނައިބު ރައީސުންގެ ގޮތުގައި އަށް ބޭފުޅުން ވާދަކުރެއްވި އެވެ. އެއީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް އާއި، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ އާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އާއި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) އާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އަދި މުޙައްމަދު ނިމާލް އެވެ.

އިންތިޚާބުގެ ނަތީޖާ އަށް ބަލާއިރު، އެންމެ ގިނަ ވޯޓާ އެކު ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވީ ރާފިޢު އެވެ. ރާފިޢު އަށް ވަނީ 968 ވޯޓު ލިބިވަޑައިގެންފައި އެވެ. ދެ ވަނަ އަށް އިންތިޚާބުވެ ވަޑައިގެންނެވި ޝިޔާމް އަށް 964 ވޯޓު ލިބިވަޑައިގެންނެވިއިރު، ތިން ވަނަ އަށް އިންތިޚާބުވެ ވަޑައިގެންނެވި ސައުދާ އަށް ލިބިވަޑައިގެންނެވީ 923 ވޯޓެވެ.

ހަތަރު ވަނަ އަށް 862 ވޯޓާ އެކު ޝުޖާއު އިންތިޚާބުވެ ވަޑައިގެންނެވިއިރު، ފަސް ވަނަ އަށް އިންތިޚާބުވެ ވަޑައިގެންނެވި ސައީދު އަށް ލިބިވަޑައިގެންނެވީ 833 ވޯޓެވެ. އަދި ހަ ވަނަ އަށް އިންތިޚާބުވެ ވަޑައިގެންނެވި މުންދު އަށް ލިބިވަޑައިގެންފައި ވަނީ 780 ވޯޓެވެ. އިންތިޚާބުގައި ދެން ވާދަކުރެއްވި ނިމާލް އަށް 301 ވޯޓު ލިބިވަޑައިގެންނެވިއިރު، އަސްމާ އަށް ލިބިވަޑައިގެންނެވީ 288 ވޯޓެވެ.

މި ހަ ބޭފުޅުންނާ އެކު ޕީއެންސީގެ ނައިބު ރައީސްގެ ގޮތުގައި ދެން ހުންނަވާނީ ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް އެވެ. ޕީއެންސީގެ ފަރާތުން ރާއްޖޭގެ ނައިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް، އޮޓޮމެޓިކް އިން ޕާޓީގެ ނައިބު ރައީސްގެ މަޤާމު ލިބިވަޑައިގަންނަވާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް