ކުޅިވަރު

ނިއު ބަލިކޮށް މާޒިޔާއިން ފުރަތަމަފަހަރަށް ކަޕް ވިނާސްކަޕް ކާމިޔާބުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ނިއު ބަލިކޮށް މާޒިޔާއިން ފުރަތަމަފަހަރަށް ކަޕް ވިނާސްކަޕް ކާމިޔާބުކޮށްފި

މާޒިޔާއިން ކަޕް ވިނާސް ކަޕް 2026 އުފުލާލަނީ -- ފޮޓޯ/ އެފްއޭއެމް

ނިއުރޭޑިއެންޓު ބަލިކޮށް މާޒިޔާއިން ފުރަތަމަ ފަހަރަށް ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗު މާޒިޔާއިން ކާމިޔާބުކުރީ ނިއުއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ހަތަރުވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ދިން ޕާހެއް ހިފައިގެން މާޒިޔާގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން ނިއުގެ އޭރިއާތެރެއަށް ވެދެ ގޮލުގެ ތިރީކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އެ ގޯލުޖަހައި މާޒިޔާއަށް ރަނގަޅަށް ހަމަޖެހިނުލެވެނީސް މެޗުގެ 16 ވަނަ މިނެޓުގައި ނިއުއިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ގޯލު ނިއުއަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރުއެވެ.

ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި އަހުމަދު އައިހަމް ވަނީ ނިއުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އެ ޓީމުގެ އޭރިއާތެރެއަށް ވަދެ ގޯލުގެ ކައިރިކަނަށް އަމާޒުކޮށްލައިގެން ގޯލެއް ޖަހައި އަލުން މެޗުގެ ލީޑު މާޒިޔާއަށް ނަގައިދީފައެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ނިއުގެ ފާސިރު ވަނީ މާޒިޔާގެ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެވަނަ ހާފު ފަށައިގެން ނިއުގެ ގޯލަށް މާޒިޔާއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ފުރުސަތުތަކުގެ ބޭނުން މާޒިޔާއަށް ނުހިފުމުމުގެ ފައިދާ ނިއުއިން ނަގައި ނިއުއިން ވަނީ މަޗުގެ ފަހު 20 މިނެޓުގައި މާޒިޔާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ މިރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާގެ ކީޕަރު ހުސައިން ޝަރީފްއެވެ.

މެޗުގެ ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީޖެހިއިރު، ފުރަތަމަ ޕެނަލްޓީ ޖެހީ ނިއުއިންނެވެ. އެގޮތުން ނިއުގެ ޕެނަލްޓީ އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު ސިލްވާ ކާމިޔާބުކުރިއިރު މާޒިޔާގެ ފުރަތަމަ ޕެނަލްޓީ ފަސޭހަކަމާއެކު އިލާން ވަނީ ވައްދާލައިފައެވެ. ދެވަނަ ޕެނަލްޓީ ނިއުގެ އިތުބާރު ބިދޭސީ ފޯވާޑު ޑޯރިއެލްޓަން އަތުން ދިޔައީ ބޭރަށެވެ. ޖަވާބުގައި މާޒިޔާގެ އައިސަމް ޖެހި ޕެނަލްޓީ އޭނާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

ނިއިއުގެ ތިންވަނަ ޕެނަލްޓީ އަހުމަދު އަބްދުﷲ (ލިލީ) ކާމިޔާބުކޮށްދިންއިރު މާޒިޔާގެ ހައިޝަމް ހަސަން ވަނީ މާޒިޔާގެ ޕެނަލްޓީ އިތުބާރާއެކު ކާމިޔާބުކޮށްދީފައެވެ. ނިއުގެ މޫސާ ޔާމީން ޖެހި އެ ޓީމުގެ ހަތަރުވަނަ ޕެނަލްޓީ ވެސް ގޯލަށް އަމާޒުވެފައެއް ނުވެއެވެ. އެހެންކަމުން ޖަވާބުގައި މާޒިޔާގެ ބިދޭސީ ފޯވާޑު ކޫކޫ ޖެހި ޕެނަލްޓީ ކާމިޔާބުކޮށް 4-2 ގެ ނަތީޖާއަކުން ޕެނަލްޓީން މާޒިޔާ ކުރިހޯދިއެވެ.

އެ މޮޅާއެކު މާޒިޔާއަށް ކަޕް ވިނާސް ކަޕް އަލަށް ކާމިޔާބުކުރިއިރު، އެ ތައްޓަކީ ދިވެހި ފުޓުބޯޅައިގައި މާޒިޔާއަށް ކާމިޔާބުނުކުރެވި އޮތް ހަމައެކަނި ތައްޓެވެ. އެހެންކަމުން މިހާރު މާޒިޔާއިން ވަނީ އެ ޓީމު ކުޅުނު ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކޮށްފައެވެ.

ކަޕް ވިނާސް ކަޕްއަކީ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ މުބާރާތެއްގެ ގޮތުގައި 1995 ވަނަ އަހަރު ފެށި މުބާރާތެކެވެ. އެ މުބާރާތް 2009 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލަައިފައެވެ.

19 އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރު އެ މުބާރާތް ކުޅޭއިރު އެ މުބާރާތަކީ ފާއިތުވާ ސީޒަނުގެ ޗެމްޕިއަން ޓީމުތަކަށް ދައުވަތުދީގެން ބާއްވަމުން އައި މުބާރާތް މި ފަހަރު ވެސް ކުރިއަށް ގެންދަނީ ތިން މުބާރާތުގެ ޗެމްޕިއަނުންގެ އިތުރުން ލީގުގެ ދެ ވަނަ ޓީމަށް ދައުވަތު ދޭ އުސޫލުންނެވެ.

އެފްއޭ ކަޕް ޗެމްޕިއަން ނިއު އާއި ލީގުގެ ހަތަރު ވަނަ ހޯދި ބުރުގެ އިތުރުން ވާދަކުރަނީ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް އެވެ.

ލީގުގެ ހަތަރު ވަނަ ހޯދި ބުރަށް ފުރުސަތު ލިބުނީ ލީގުގެ ދެ ވަނަ އާއި ތިން ވަނަ ހޯދި އޮޑި އާއި ނިއު އަށް އަނެއް ދެ މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި ފުރުސަތު ލިބިފައިވާތީ ދެން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ހައިސިއްޔަތުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް