ނިއުއިން މާޒިޔާ ހިފައްޓައި އެއްވަނައިގައި ފައިނަލަށް، ދެވަނަ މާޒިޔާއަށް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މާޒިޔާ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ފޮޓޯ/ ސިޑިބަރި
ކަޕް ވިނާސް ކަޕް 2026 ގެ ލީގު ބުރުގެ ފަހު މެޗުގައި ނިއުރޭޑިއެންޓުން މާޒިޔާ މޮޅުވިޔަނުދީ ހިފަހައްޓައި އެއްވަނައިގައި ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގައި މާޒިޔާއިން ގޯލެއްޖަހައިފައި ވަނިކޮށް ނިއުއިން ވަނީ ގޯލެއްޖަހައި 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށްލައިފައެވެ.
އެ މެޗުން މާޒިޔާ މޮޅުވިނަމަ އެ ޓީމަށް އެއްވަނަ ޓީމުގެ ގޮތުގައި އެ މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ. އެ ޓީމުން މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކުރިއިރު ދެވަނަ މެޗުގައި ބުރު އަތުން މޮޅުވީ ވެސް 2-1 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި މިރޭ ނިއުއާ ދެކޮޅަށް ކުޅެ 1-1 ނަތީޖާއަކުން އެއްވަރުވީއެވެ.
ނިއު ވެސް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެހެންނަމަޗެސް ނިއުއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނިއުއިން ވަނީ 5-0 ގެ ނަތީޖާއަކުން ބުރު ބަލިކޮށްފައެވެ. އަދި 5-3 ގެ ނަތީޖާއަކުން އެ ޓީމުން ވަނީ ދެވަނަ މެޗުގައި އޮޑި ބަލިކޮށްފައެވެ.
މިރޭގެ މެޗަށް ނިކުތްއިރު ވެސް ފައިނަލުގެ ޖާގަ އެ ދެ ޓީމަށް ވެސް ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން މާޒިޔާއިން ނިކުތީ އެ ޓީމުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ބަދަލުގައި ޒުވާން ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނައިގެންނެވެ.
އެގޮތުން އެ ޓީމުގެ އެއް ނަންބަރު ކީޕަރު ހުސައިން ޝަރީފްގެ ބަދަލުގައި އެ މެޗުގައި ކުޅެން ނިކުތީ ދެވަނަ ކީޕަރު އިޔާން އަބްދުލް އަލީމްއެވެ. އަދި އެ ޓީމުގެ ތަޖުރިބާކާރު ފުލްބެކް ހައިޝަމް ހަސަން ޓީމު ސްކޮޑަށް ނުނަގާއިރު، އެ ޓީމުގެ މެދުތެރެއިން މޮޅުކުޅުމެއް ދައްކި ބިދޭސީ ކުޅުންތެރިޔާ ނިކޮލާ ވުޖިޗިޗް ވެސް ސްކޮޑަށް ނަގައިފައެއްނުވެއެވެ. އަދި އެ ޓީމުގެ ފަހަތުގައި މި ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކަމުންއައި ބިދޭސީ ކުޅުންތެރިޔާ ނެމެންޖާ ވެސް ފުރަތަމަ 11 ގައި ހިމަނައިފައެއް ނުވެއެވެ.
މާޒިޔާ ޓީމުގެ މެދުތެރެއިން ކުޅޭ އެންމެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ އައިސަމް އިބްރާހީމްގެ އިތުރުން އަހުމަދު އައިހަމް ވެސް ފުރަތަމަ 11އިން ޖާގަ ދީފައެއް ނުވެއެވެ. އަދި އެ ޓީމުގެ ކުރިއަށް ކުޅޭ ބިދޭސީ ފޮވާޑު ބެންޖަމިން ކޫކޫ ވެސް މެޗު ފެށީ ބެންޗުންނެވެ. އަދި އެ ޓީމުގެ ކުރިއަށް ކުޅޭ އިބްރާހިމް މަހުދީގެ އިތުރުން އަބްދުﷲ ލޫތު އިބްރާހިމް ވެސް ފުރަތަމަ 11 އިން ޖާގަ ދީފައެއް ނުވެއެވެ.
އެއާ ހިލާފަށް ނިއުއިން އެ ޓީމު އާންމުކޮށް ބޭނުންކުރާ ފުރަތަމަ 11 އަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެ ޓީމުން ފުރަތަމަ 11 އަށް ގެނައި ހަމައެކަނި ބަދަލަކީ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި ބަދަލުކީޕަރު އަހުމަދު ސަމީރު ކުޅެން ނެރުމެވެ.

މިރޭގެ މެޗު ފަށައިގެން ވެސް ނިއު އިން ވަނީ މޮޅު ކުޅުމެއްދައްކައި މާޒިޔާގެ ގޯލަށް ނުރައްކާތެރި ހަމަލާތައް އުފައްދާފައެވެ. އެހެންނަމަވެސް މާޒިޔާގެ ޒުވާން ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައި ނިއުގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތް ކޮށްފައެވެ.
އެގޮތުން މާޒިޔާއިން މެޗުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 63 މިނެޓުގައެވެ. އެ ގޯލަކީ ޔޫސުފް ސިދާމް ނެގި ހުރަހަކުން މެޗުގައި މޮޅުކުޅުމެއް ދެއްކި މާޒިޔާ ބިދޭސީ މިޑްފީލްޑަރު ގޮމޭޒްއެވެ.
އެއާއެކު ނިއު އިން ކުރިއަށް ޖެހިލައި މެޗުގެ 72 ވަނަ މިނެޓުގައި ނިއުއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ނިއުގެ ޒުވާން ފޯވާޑު އީތަން އިބްރާހިމް ޒަކީ ނެގި ހުރަހަކުން އަލީ ފާސިރު ކާމިޔާބުކުރި ގޯލެކެވެ.
ކަޕް ވިނާސް ކަޕްއަކީ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ މުބާރާތެއްގެ ގޮތުގައި 1995 ވަނަ އަހަރު ފެށި މުބާރާތެކެވެ. އެ މުބާރާތް 2009 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލަައިފައެވެ.
19 އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރު އެ މުބާރާތް ކުޅޭއިރު އެ މުބާރާތަކީ ފާއިތުވާ ސީޒަނުގެ ޗެމްޕިއަން ޓީމުތަކަށް ދައުވަތުދީގެން ބާއްވަމުން އައި މުބާރާތް މި ފަހަރު ވެސް ކުރިއަށް ގެންދަނީ ތިން މުބާރާތުގެ ޗެމްޕިއަނުންގެ އިތުރުން ލީގުގެ ދެ ވަނަ ޓީމަށް ދައުވަތު ދޭ އުސޫލުންނެވެ.
އެފްއޭ ކަޕް ޗެމްޕިއަން ނިއު އާއި ލީގުގެ ހަތަރު ވަނަ ހޯދި ބުރުގެ އިތުރުން ވާދަކުރަނީ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް އެވެ.
ލީގުގެ ހަތަރު ވަނަ ހޯދި ބުރަށް ފުރުސަތު ލިބުނީ ލީގުގެ ދެ ވަނަ އާއި ތިން ވަނަ ހޯދި އޮޑި އާއި ނިއު އަށް އަނެއް ދެ މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި ފުރުސަތު ލިބިފައިވާތީ ދެން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ހައިސިއްޔަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް