އޭޝިއަން ގޭމްސް 2026: ރިހާންގެ ގައުމީ ރެކޯޑަކާއި މެރާލްގެ ޕާސަނަލް ބެސްޓެއް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ރިހާން މިއަދުގެ އިވެންޓްގައި -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ، ޓޯކިޔޯ އެކުއަޓިކްސް ސެންޓަރުގައި މިއަދު ކުރިއަށް ދިޔަ 20 ވަނަ އޭޝިއަން ގޭމްސްގެ ސްވިމިން އިވްންޓްތަކުގައި ދިވެހިރާއްޖޭގެ މުހައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑެއް އާކުރި އިރު، މެރާލް އައިން ލަތީފް އޭނާގެ ޕާސަނަލް ބެސްޓް ޓައިމިންއެއް އާކޮށް ކުރިއެރުން ހޯދައިފި އެވެ.
މިއަދު ސްވިމިންގެ ތިން އިވެންޓެއްގައި ރާއްޖޭގެ ފެތުންތެރިން ވާދަ ކުރި އެވެ. އެގޮތުން ރަހާން ވާދަ ކުރީ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގަ އެވެ. މެރާލް 100 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަ ކުރި އިރު މަލައިކާ ލިންޑާ އިމްރާން ވަނީ 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ފަތައިފަ އެވެ.

މެރާލް -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
ރިހާން 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގައި ގައުމީ ރެކޯޑް އާކުރީ 05:06.92 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް އެންމެ ފަހުން ވެސް އާކޮށްފައި ވަނީ ރިހާން އެވެ. އެއީ ސްކޮޓްލަންޑްގެ ގްލާސްގޯގައި ކުރިޔަށްދިޔަ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި 05:09.68 އިން ފަތައިގެންނެވެ.
މެރާލް 100 މީޓަރު އަންހެނުންގެ ފްރީސްޓައިލް އިވެންޓްގައި ޕާސަނަލް ބެސްޓް ހެދީ 01:04.37 އިން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި އިވެންޓުން މެރާލްގެ އެންމެ ރަނގަޅު ޓައިމިންއަކީ 01:07:76 އެވެ. އެ ޓައިމިން ހޯދާފައި ވަނީ 2024 ގައި އޮތް 19 ވަނަ ސިންގަޕޫރު ޗެމްޕިއަންޝިޕްސްގައި ފަތައިގެންނެވެ.

ލިންޑާ -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި އުމުރުން 15 އަހަރުގެ ލިންޑާ ވާދަކޮށް ރޭސް ފުރިހަމަ ކުރީ 2:55.31 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް