ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު އޮޑި އާއެކު ޑީޕީއެލް ކުޅެން މާލެ އަތުވެއްޖެ!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އޮޑިއާ ގުޅެން ރޮޑްރިގޭޒް މާލޭގައި. -- ފޮޓޯ/ ދަ ޕްރެސް ފޮޓޯސް
ކުރިން ރެއާލް މެޑްރިޑަށް ކުޅުނު އެ ޓީމުގެ އެކަޑަމީ ގްރެޖުއޭޓް، ސްޕެއިންގެ ޖޯސޭ ރޮޑްރިގޭޒް ދިވެހި ޕްރިމިއާ ލީގުގެ އޮޑި ސްޕޯޓްސް ކްލަބާ ގުޅެން މިއަދު މާލެ އަތުވެއްޖެ އެވެ.
މި ސީޒަންގެ ނިޔަލަށް ރޮޑްރިގޭޒް، 31، އޮޑި އާ ގުޅުމަށް އަންނަ އާދިއްތަ ނޫނީ ހޯމަ ދުވަހު ކޮންޓްރެކްޓުގައި ސޮއިކުރާނެ ކަމަށް އޮޑި ސްޕޯޓްސް ކްލަބާ ހަވާލާދީ "ޕީއެސްއެމް ނިއުސް" ގައި ރިޕޯޓް ކޮށްފައިވެ އެވެ.
ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ހޯޒޭ މޮރީނިއޯ އެންމެ ފުރަތަމަ ރެއާލް އާ ހަވާލުވި ދުވަސްވަރު އޭނާ ވަނީ އެކަޑަމީ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ރޮޑްރިގޭޒް އަށް ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ. އަދި މޮރީނިއޯގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް ކުޅެފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު އޭނާ ޗެމްޕިއަންސް ލީގު ކުޅުނު އިރު އުމުރުން 17 އަހަރުގައި ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު ރެއާލްގެ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
މީގެ އިތުރުން ރެއާލުން 2014 ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ސީޒަނުގައި ޗެމްޕިއަން މެޑަލް ވެސް އޭނާ އަށް ވަނީ ލިބިފައިވެ އެވެ. ނަމަވެސް އޭރު އުމުރުން 19 އަހަރުގެ މިޑްފީލްޑަރުގެ ދައުރެއް، ކާލޯ އަންޗެލޮޓީގެ ރެއާލުން އެ ސީޒަންގައި ހޯދި ކާމިޔާބީގައި ނެތެވެ.
ރޮޑްރިގޭޒް ވަނީ ޑިޕޯޓިވޯ އާއި މަލާގާ އަދި ޖަރުމަންގެ މެއިންޒް އާއި ތުރުކީގެ ގަލަތަސަރާއިއަށް ވެސް ކުޅެފަ އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައި ވާއިރު، އޮޑި ސްޕޯޓްސް އިން ވަނީ މިދިޔަ ސީޒަންގައި ބުރު ސްޕޯޓްސް އަށް ކުޅުނު ސްޓްރައިކަރު ހަޑްސަން ޖީސަސް އާއި ކްލަބް އީގަލްސް އިން ފެނުނު ސިއެރަ ލިއޯންގެ ޑިފެންޑަރު މާވިން ލެބީގެ ސޮއި ވެސް ހޯދައިފަ އެވެ.
މިދިޔަ ސީޒަންގައި މުޅިން އަލަށް ޕްރިމިއާ ލީގު ކުޅުނު އޮޑި ފުރަތަމަ ސީޒަންގައި ވަނީ ލީގު ތާވަލްގެ ދެވަނައިގައި ނިންމައި، ޝަރަފްވެރި ގައުމީ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ތަށި އުފުލާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް