އޭޝިއަން ގޭމްސް 2026: ބެޑްމިންޓަން ސިންގަލްސް ނިންމާލީ ގަދަ 32 އާ ހަމައިން
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ނަބީހާ މިއަދު ކުޅުނު ދެވަނަ ބުރުގެ މެޗުގައި. -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް
އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ބެޑްމިންޓަން އަންހެން އަދި ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ކުޅުންތެރިން، މުބާރާތުގެ ދެވަނަ ބުރު ކަމަށްވާ ގަދަ 32 އާ ހަމައިން ނިންމާލައިފި އެވެ.
އިއްޔެ ބެޑްމިންޓަން އިވެންޓްތައް ފަށައިގެން ކުރިއަށް ދާއިރު، އިއްޔެ ފިރިހެން ސިންގަލްސްގައި ހުސައިން ޒަޔާން ޝަހީދު ޒަކީ ވާދަ ކުރި އިިރު އަންހެން ސިންގަލްސް ފުރަތަމަ ބުރުގައި ވާދަ ކުރީ އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.
ފިރިހެނުންގެ ސިންގަލްސް މެޗުގައި ރާއްޖޭގެ ޒަޔާންގެ މައްޗަށް މޮންގޯލިއާގެ ބަޓްދަވާ މުންކްބަޓް ކުރި ހޯދާފައި ވަނީ 12-21, 17-21 އިންނެވެ. ނަމަވެސް ނަބީހާ ވަނީ އަންހެން ސިންގަލްސްގައި މޮންގޯލިއާގެ އެންޚްލެން ސެލްމެގް-އޮޑްއާ ވާދަކޮށް 21-8، 21-3 އިން މޮޅުވެގެން ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ނިބާލް އާއި ޒަޔާން ކުޅުނު ޑަބަލްސް މެޗުގެތެރެއިން -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި ނިބާލް އަހުމަދު ސިންގަލްސް މެޗުތަށް ފެށީ ދެވަނަ ބުރުންނެވެ. ދެވަނަ ބުރުގެ މެޗުތައް މިއަދު ކުރިއަށް ގޮސްފައި ވާއިރު، ނިބާލް ވަނީ ސްރީލަންކާގެ ޕުލިއްކުޓީ ނެޓަސިންގްހޭއާ ވާދަކޮށް 21-4، 21-6 އިން ބަލިވެފަ އެވެ. އަދި ނަބާހާ ވަނީ އަންހެން ސިންގަލްސް ބައިގައި ސިންގަޕޫރުގެ ޖިއާ މިން ޔެއޯއާ ވާދަކޮށް 21-9، 21-13 އިން ބަލި ވެފަ އެވެ.
އަންހެން ސިންގަލްސް ބައިގެ ދެވަނަ ބުރުން ޖާގަ ހޯދައި، ނަބީހާ ވާދަ ކުރީ ހޮންގް ކޮންގްގެ ސިން ޔަން ހެޕީ ލޯ އާ އެވެ. މި މެޗުން ނަބީހާ ބަލިވީ 21-2، 21-12 އިންނެވެ.

ނަބާހާ އާއި ނަބީހާ ކުޅުނު ޑަބަލްސް މެޗުގެތެރެއިން -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
އިއްޔެ ފިރިހެން އަދި އަންހެން ޑަބަލްސްގެ އިތުރުން މިކްސްޑް ޑަބަލްސް މެޗުތަކެއް ވެސް ކުޅެފަ އެވެ.
މިކްސްޑް ޑަބަލްސްގެ ފުރަތަމަ މެޗުގައި ނިބާލް އާއި ނަބީހާ ވާދަ ކުރީ އިންޑިއާގެ ކަޕީލާ ދްރޫވް އާއި ކްރަސްޓޯ ތަނީޝާގެ ޕެއާއާ އެވެ. މި މެޗުން އިންޑިއާގެ ޕެއާ މޮޅުވީ 21-8، 21-7 އިންނެވެ. ދެވަނަ މެޗުގައި ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ އިންޑޮނޭޝިއާގެ ސިޓީ ފަޑިއާ ސިލްވާ ރަމަދުހަންޓީ އާއި ނިކޮލައުސް ޖޯގުއައިންއާ ވާދަކޮށް 21-8، 21-14 އިން ބަލިވެފަ އެވެ.
އިއްޔެ ކުރިއަށް ދިޔަ ފިރިހެން ޑަބަލްސް މެޗުގައި ޒަޔާން އާއި ނިބާލްގެ ޕެއާ ވަނީ ދެކުނު ކޮރެއާގެ ޑޮންގް ޖޫ ކީ އާއި މިން ހިޔުކް ކަންގް އާ ވާދަކޮށް 21-3، 21-6 އިން ބަލިވެފަ އެވެ. އަދި އަންހެން ޑަބަލްސް މެޗުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ ތައިލެންޑްގެ ޖެނީޗާ ސުދުޖައިޕްރަޕަރަތު އާއި ނުންތަކާން އައިމްސާދާ ވާދަކޮށް 21-9، 21-6 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް