އެތުލެޓިކޯ ވީ އެއްވަރު، ބާސާ ސީޒަން ފެށީ ފަސްތަރީގެ މޮޅަކާއެކު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --
ސްޕެނިޝް ލަލީގާގައި 10 ކުޅުންތެރިންނާއެކު ކުޅެ އެތުލެޓިކޯ މެޑްރިޑުން ވިޔަރެއާލް މޮޅުވިޔަ ނުދީ ހިފެހެއްޓިއިރު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ފަސޭހަކަމާއެކު އެލްޗޭ ބަލިކޮށް އިތުބާރާއެކު އައު ސީޒަން ފަށައިފިއެވެ.
މިރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗު ފަށައިގެން އެތުލެޓިކޯއިން ޑޮމިނޭޓުކޮށްގެން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވަސް ވިޔަރެއާލް އިން ވަނީ ކުޅުން ރަނގަޅުކޮށް އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއް ޓިމަކަށް ވެސް ގޯލެއް ނުޖެހުނުއިރު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން މާކް ޕުބިލް ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިޔަރެއާލްގެ ޓެޖޮން ބުޗަނާންއަށް އެތުލެޓިކޯ ޕެނަލްޓީ އޭރިއާތެރެއިން އެ ޓީމުގެ މޯޓެން ހުލްމަންޑް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ޖެރާޑް މޮރޭނޯ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 78 ވަނަ މިނެޓުގައި އަނެއްކާވެސް ވިޔަރެއާލްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީއަކީ ވިޔަރެއާލްގެ ޖޯޖެސް މިކައުޓާޒޭއަށް އެތުލެޓިކޯ އޭރިއާތެރެއިން ރޮބިން ލެ ނޯމާންޑް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މިކައުޓާޒޭ ގޯލު ޖަހަން ފަހި ފުރުސަތެއް ލިބިފައި އޮތްވައި ނޯމާންޑު އޭނާއަށް ފައުލުކޮށް ވައްޓާލުމުން ނޯމާންޑަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. ވިޔަރެއާލަށް ލިބުނި ޕެނަލްޓީގެ ބޭނުން ހިފައިގެން އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް މިކައުޓާޒޭއެވެ.
އެއް ކުޅުންތެރިއެއް މަދުން ކުޅެމުންއައި އެތުލެޓިކޯއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 85 ވަނަ މިނެޓުގައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގުއިލާނޯ ސިމިއޯނޭއެވެ.
އެތުލެޓިކޯއިން ވަނީ ލަލީގައި ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން މަލާގާ ބަލިކޮށްފައެވެ. ވިޔަރެއާލް ވެސް ދެ މެޗު ކުޅުނު އިރު ދެ މެޗު ވެސް ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މިރޭ އެލްޗޭގައި ދަނޑުގައި ބާސާއިން އެލްޗޭ ބަލިކޮށްފައިވަނީ 5-0 ގެ ފުރިހަމަ ނަތީޖާއަކުންނެވެ. އެ މެޗުގެ 14 ވަނަ މިނެޓުގައި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ރަފީނިއާ ގޯލެއްޖަހައި ބާސާއަށް ވަނީ ލީޑު ނަގައިދީފައެވެ. އެ ގޯލު އެނާ ޖެހީ އޭނާއަށް އެލްޗޭ ހާފުތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުންނެވެ.
މެޗުގެ ދެވަނަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ ޑޯޓުމަންޑުން 30 މިލިއަން ޔޫރޯގެ ފީއަކަށް މި ސީޒަނުގައި ބާސާއަށް ގުޅުނު ކަރީމް އަޑެޔޭމީއެވެ. އޭނާ އެ ގޮލު ޖެހީ ރަފީނީއާ ދިން ޕާހަކުންނެވެ. މެޗުގެ ދެވަނަ ހާފު 67 ވަނަ މިނެޓުގައި ރަފީނިއާ ވަނީ އިތުރު ގޯލެއްޖަހައިފައެވެ. އެ ގޯލަކީ 80 މިލިއަން ޔޫރޯއަށް ބާސާއިން ގެނައި އެންތޮނީ ގޯޑޮން ތަނަވަސްކުރި ފުރުސަތަކުން ރަފީނިއާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ވަނީ ބާސާއަށް ގޯލެއްޖަހައި އިތުރަށް ލީޑު ފުޅާކޮށްދީފައެވެ. އެ ގޯލަކީ ގޯޑޮން ހުސްކޮށްލައިފައި ދިން ޕާހަކުން ފާމިން ކާމިޔާބުކުރި ގޯލެކެވެ. އޭގެ އަށް މިނެޓު ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ފާމިން ވަނީ ބާސާގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ގޯލަކީ ޒަވީ އެސްޕާޓު ތަނަވަސްކުރި ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މި މެޗަކީ ބާސާއިން މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗު ނަމަވެސް އެލްޗޭއިން ވަނީ މިދިޔަ ހަފުތާގައި ޑިޕޯޓިވޯ ލަ ކޮރޫނާއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް