ޚަބަރު

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ރައީސް ޑރ، މުހައްމަދު މުއިއްޒު--

ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ބިލު މިއަދު ފޮނުވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށް ޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުމެވެ.

ރައީސް ވިދާޅުވީ މި ގާނޫނު ވުޖޫދަށް އައުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށެވެ.

މީގެ އިތުރުން އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލައަށް ވެސް މިބިލުން ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބައެއް މިހާރު ވެސް ގާނޫނުގައި އޮތްއިރު މި ސަރުކާރުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މީގެ ކުރިން ހުށަހެޅި ބިލެއްގައި ވެސް ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން ހިމެނިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި މައްސަލަތަކުގައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާއާއި މުދާ ދައުލަތަށް ނެގުމަށް ކޯޓުތަކުން އަމުރުކުރި ނަމަވެސް، އެކަމާ ގުޅޭ މުދާ ދައުލަތަށް ނެގުމަށް އަންގާފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ.

މިފަދަ މުދާ ދައުލަތަށް ނަގައި، އެކަމުން މާލީ މަންފާ ހުއްޓުވަން ބިލެއް ހުށަހެޅިއިރު މީގެ ކުރިން ވަނީ ނުހައްގު މުއްސަނދިކަން ހުއްޓުވާ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް