ދުނިޔެ

ނޭޕާލްގެ ފެންބޮޑުވުމުގެ ހާދިސާ: 330 މީހުން މަރުވެ 1300 މީހުން ވަނީ ގެއްލިފައި

ފާތިމަތު

ލިޔުންތެރިޔާ

ނޭޕާލްގެ ފެންބޮޑުވުމުގެ ހާދިސާ: 330 މީހުން މަރުވެ 1300 މީހުން ވަނީ ގެއްލިފައި

ނާޕާލުގެ ފެންބޮޑުވުމުގެ ހާދިސާ ---

ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާގައި 330 މީހުން މިހާތަނަށް މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނަން ފަށައިފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުގައި މިހާތަނަށް 330 މީހުން ވަނީ ފެން ބޮޑުވުމުގެ ހާދިސާއާ ގުޅިގެން މަރުވެފައެވެ. އަދި 1300 މީހުން ގެއްލިފައިވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ނޭޕާލުގެ ސަލާމަތީ ބާރުތަކުން އަދި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާ ޖަމާއަތްތަކުން ދަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތްކުރަމުނެވެ. އަދި އެ ފަރާތްތަކުން ގެއްލިފައިވާ މީހުން ހޯދުމުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދާއިރު، ހިމާލިޔާގެ ބިން ތިރި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

އެ މަސައްކަތުގައި އެ ގައުމުގެ އަވަށްޓެރި ޗައިނާއިން ވެސް ދަނީ އެހީތެރިވަމުންނެވެ. އެ ގައުމުގެ ރެސްކިއު ޓީމުތަކާއި އިންސާނީ އެހީދޭ ފަރާތްތައް ވެސް ދަނީ ނޭޕާލުގެ ރެސްކިއު އޮޕަރޭޝަންގައި ބައިވަރިވަމުންނެވެ.

އެ ފެންބޮޑުވުމުގެ ކާރިސާގައި ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވި ނޭޕާލުގެ ސަލާމަތީ ބާރުތަކުގެ 73 މީހުން ވެސް ވަނީ ގެއްލިފައެވެ. އޭގެތެރޭގައި 44 ސިފައިންގެ މީހުންނާއި، 29 ފުލުހުން ހިމެނެއެވެ.

އެ ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ދެން ހިމެނެނީ ހިމާލިޔާ ސަރަހައްދުގައި ޗުއްޓީ ހޭދަކުރަމުންއައި ފަތުރުވެރިންނެވެ. އެގޮތުން އިންޑިއާގެ 178 މީހުން ގެއްލިފައިވާއިރު، އެމެރިކާގެ 65 މީހުންނާއި އިނގިރޭސި ވިލާތުގެ 33 މީހުން ހިމެނެއެވެ. އަދި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 28 މީހަކު ވެސް ގެއްލުނު މީހުންގެ ތެރޭގައި ހިމެނެއެވެ.

އެ ހާދިސާގައި ނޭޕާލުގެ ރައްޔިތުންގެ ތެރެއިން 127 މީހަކު ވަނީ ގެއްލިފައެވެ.

ނޭޕާލާއި ތިބެތުގެ ސަރަހައްދީ ރޮނގު ކައިރީގައި ފެންބޮޑުވުމުގެ އެ ކާރިސާ ހިނގީ އިއްޔެގެ ވަގުތެއްގައެވެ. އެ ފެންބޮޑުވުމުގެ ކާރިސާގައި ހިމާލަޔާ ސަރަހައްދުގެ ގިނަ އަވަށްތަކަކަށް ވަނީ އެކަމުގެ އަސަރުކޮށްފައެވެ.

މިޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ފެންބޮޑުވުމުގެ ކާރިސާ ކުރިމަތިވީ ގަނޑުފެނުގެ ފަރުބަދައެއް ވެއްޓި އެ ފަރުބަދަ ދިޔާވެގެންނެވެ.

ނޭޕާލުގެ ސިޓީތަކާއި ދުރުގައި އޮންނަ އެ ސަރަހައްދުގައި ހިނގި އެ ހާދިސާގައި ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަމަށް ވެސް އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން އެ ސަރަހައްދުގައި މުއާސަލާތީ ގުޅުންތައް އެންމެ އެކަށީގެންވާ ގޮތުގައި ނެތުމުގެ ސަބަބުން ސަލާމަތީ އެންގުންތަކާއި އިންޒާރުގެ އެންގުތައް އެންގުމަށް ވެސް ހުރަސްތަކައެއް އެބަހުއްޓެވެ.

މޫސުމީ ކާރިސާތައް ދިރާސާކުރާ ފަރާތްތަކުން ބުނީ ނޭޕާލްގައި ހިނގައިގެން އުޅޭ ފެންބޮޑުވުމުގެ ކާރިސާއިން އެ ގައުމުން އެފަގަ ކަމަކަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނެތްކަން އެނގޭކަމަށެވެ. ގަނޑުފެން ފަރުބަދަތައް ގިނަ އެ ގައުމުގައި މުއާސަލާތީ ކަންކަން ވެސް އަދި އެންމެ އާދައިގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އެކަށީގެންވާ ގޮތުގައި އެޅިފައި ނެތްކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް