ވެމްކޯއިން ވީއޭއެމް ކަޕް ޖެހިޖެހިގެން 6 ވަނަ ފަހަރަށް އުފުލާލައި ތާރީހީ ރެކޯޑެއް!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ކްލަބް ވެމްކޯ އިން ހަވަނަ ފަހަރަށް ވީއޭއެމް ކަޕް ތަށި އުފުލާލަނީ. -- ފޮޓޯ / ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް) ގެ ފައިނަލުގައި ކްލަބް އެމްޓީސީސީ 3-1 ސެޓުން ބަލިކޮށް، ކްލަބް ވެމްކޯއިން ދެވަނަ ފަހަރަށް މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.
2021 އިން ފެށިގެން މި މުބާރާތުގެ ތަށި ނަގަމުން އަންނަ ވެމްކޯއިން މިފަހަރުގެ މުބާރާތް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއީ އެ ޓީމު ޖެހިޖެހިގެން ތަށި ހޯދި ހަވަނަ ފަހަރެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-20، 20-25، 25-13 އަދި 25-18 އިންނެވެ. މި މެޗުގެ ދެވަނަ ސެޓަކީ މުބާރާތުގައި ވެސް ވެމްކޯއަށް ގެއްލުނު ހަމައެކަނި ސެޓެވެ.
މުބާރާތުގެ ތިންވަނަ ހޯދީ، ހުރާ ކޮމިއުނިޓީ ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވި ޕޮލިސް ކްލަބެވެ.
ވީއޭއެމް ކަޕް އަންހެން ޑިވިޝަން 2026 ގެ ވަނަތައް:
އެންމެ މޮޅު ކުޅުންތެރިޔާ: ފާތިމަތު ޖޫޒާން ޒަރީރު (ވެމްކޯ)
އެންމެ މޮޅު ކޯޗު: އަޙްމަދު އަދީލް - ބޭބެ (ވެމްކޯ)
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ކުތިކާ ކަވްޕިން (ވެމްކޯ / ތައިލެންޑް)
އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާ: މިންހަތު އަހުމަދު (ޕޮލިސް ކްލަބް)
މުބާރާތުގެ ޑްރީމް ޓީމު: ފާތިމަތު ޖޫޒާން ޒަރީރު (ވެމްކޯ)، އައިޝަތު މާޖިދާ (ވެމްކޯ)، ނަރީމާ އިދުރީސް (ވެމްކޯ)، ފާތިމަތު ލިވާ ހުސެއިން (ހުރާ)، މަނާލް އިސްމާއިލް ރަޝީދު (ހުރާ) އަދި މާޔާ ހުސެއިން ސޮލާހު (އެމްޓީސީސީ).
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް