ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް ހޯދައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އައިހަމް (ކ) އެވޯޑާ ހަވާލުވަނީ --- ފޮޓޯ/ އެފްއޭއެމް
ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމްއިން އިންތިޒާމުކޮށްގެން ބޭއްވި ހާއްސަ އެވޯޑް ހަފްލާ "އެފްއޭއެމް އެވޯޑްސް 2026" ގައި، ވޭތުވެދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު މާޒިޔާ އަދި ގައުމީ ޓީމުގެ އިތުބާރު މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ހޯދައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން 2004 ގައި އަލަށް ދޭންފެށި މި އެވޯޑް، އެކި ސަބަބުތަކާ ހުރެ 2018 ގެ ފަހުން ބާއްވާފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ ސީޒަނުގެ ނަތީޖާތަކަށް ބަލައި އެފްއޭއެމްއިން ވަނީ އަލުން މި އެވޯޑް ދޭން ފަށައިފައެވެ.
އައިހަމް މި އެވޯޑް ކާމިޔާބުކުރީ ގަދަ ތިނެއްގައި ވާދަކުރި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އާއި ވިކްޓަރީގެ ހަމްޒާ މުހައްމަދު (ހަމްޕު) ފަހަތަށް ތަށްޖައްސާލައިފަ އެވެ. މި ގަދަ ތިނެއްގެ ތެރެއިން ދެވަނަ ސެންޓޭ ހޯދިއިރު، ތިންވަނަ ލިބުނީ ހަމްޕު އަށެވެ.

ހަމްޕު (ކ) ، ފަތޯ (މ) ، ސެންޓޭ (ވ) -- ފޮޓޯ/އެފްއޭއެމް
ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި 22 ލަނޑު ޖަހައިގެން ރަން ބޫޓު ހޯދައިފައެވެ. އަދި މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު ހަމްޕު ވަނީ ސަޕޯޓަރުންގެ އެންމެ މަގުބޫލު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ހއ. އުތީމަށް ނިސްބަތްވާ އައިހަމް މާޒިޔާއާ ގުޅުނީ މީގެ ދެ އަހަރު ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވެފަ އެވެ. ޑިސިޕްލިނަރީ މައްސަލައެއްގައި ގައުމީ ޓީމުން މިދިޔަ އަހަރު ބާކީކުރި ނަމަވެސް، އޭނާ ވަނީ އަލުން އެނބުރި އައިސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އިތުރު ވަނަތައް:
އެންމެ މޮޅު ކްލަބް: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
އެންމެ މޮޅު ކޯޗު: ލުއިސްމާ ހެނާންޑޭޒް (މާޒިޔާ)
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ގިލާމޭ ޑަ ސިލްވާ (ނިއު ރޭޑިއަންޓް)
އެންމެ އުންމީދީ ކުޅުންތެރިޔާ: މުހައްމަދު އިލާން އިމްރާން (މާޒިޔާ)
ސީޒަނުގެ އެންމެ މޮޅު ގޯލު: ހުސެއިން ނިޔާޒް މުހައްމަދު - ބޮކުރީ (ވިކްޓަރީ - އޮޑި ކޮޅަށް ޖެހި ގޯލު)
އެންމެ މޮޅު ރެފްރީ: ހުސެއިން ސިނާން
ރީޖަން ލީގުގެ ކްލަބްތަކުގެ ތެރެއިން އެންމެ މޮޅު ކްލަބަކަށް ބިސް ބުރު ސްޕޯޓްސް ކްލަބް ހޮވުނުއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ހއ. ދިއްދޫ އަދި ގދ. ގައްދޫ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް