ޚަބަރު

ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު އަދި އަމިއްލަވަންތަކަން ނެގެހެއްޓުމުގެ ވާހަކައާ އެކު ރައީސްގެ މުހިންމު ސުވާލެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު އަދި އަމިއްލަވަންތަކަން ނެގެހެއްޓުމުގެ ވާހަކައާ އެކު ރައީސްގެ މުހިންމު ސުވާލެއް

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ތަޙުނިޔާ އަރިސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަރަށް މުހިންމު ސުވާލެއް ކުރައްވައިފި އެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރު ކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީ އަށް ކަމަށެވެ. އަދި ކަނޑުގެ ބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިޢުމާރީ ކަސްތޮޅު ތަކުން ލިބުނު އަނިޔާ އިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ، ބޭރުގެ ބާރު ތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވެފައިވާކަމެވެ. އެހެންކަމުން މިއަދު ދިވެހި ރައްޔިތުން ގަދަ އަޅައި އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާ ތަކެއް އިއާދަވިޔަ ނުދިނުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.

އެއާ އެކު އެ ޕޯސްޓުގައި ރައީސް ވަނީ ވަރަށް މުހިންމު ސުވާލެއް ކުރައްވައިފަ އެވެ. އެގޮތުން މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމީ ރައްޔިތުންނަށް ނިކަމެތިކަން ލިބިދާނެ ފިތުނަ ފަސާދަ ތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ އައްސަވައި، ރައީސް ސުވާލު ކުރެއްވި އެވެ.

ޕޯސްޓި ނިންމާލައްވަމުން ރައީސް ވިދާޅުވެފައި ވަނީ މި ފަޚުރުވެރި ޤައުމީ ދުވަހުގެ މުބާރަކްބާދު ދިވެހި އުޚުވަތްތެރި ރައްޔިތުންނަށް އެމަނިކުފާނު ދަންނަވަނީ، އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، މި ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައި ވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ގޮވާލައްވަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް