ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ 2028ގެ އިންތިޚާބު ޕީއެންސީ އިން ކާމިޔާބު ކުރުން: ޣައްސާން
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ރައީސް މުޢިއްޒު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން
ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ކާމިޔާބު ކުރުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣައްސާން ވިދާޅުވެފައި ވަނީ، ސެޕްޓެމްބަރު މަހުގެ 15 އިން، 18 އަށް ކުރިއަށް ދިޔަ ޕީއެންސީގެ މަތީ މަޖިލިސް ފެށުނީ ކާމިޔާބީހެން ކަމަށެވެ. ޣައްސާން ވަނީ އެ މަހާސިންތާ އިންތިޒާމު ކުރެއްވި ކޮމެޓީ އާއި، އެންމެހާ މެމްބަރުންނަށް ޝުކުރު އަދާ ކުރައްވައި ތައުރީފު ކުރައްވައިފަ އެވެ.
މީގެ އިތުރުން ޕީއެންސީގެ އިންތިޚާބުތައް ކާމިޔާބު ކުރި އެންމެހާ ފަރާތްތަކާއި، މަޤާމުތަކާ ހަވާލުވި އެންމެހާ ފަރާތްތަކަށް ޣައްސާން ވަނީ މަރުޙަބާ ދަންނަވައިފަ އެވެ.
އެއާ އެކު ޣައްސާން ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީ އިން ކާމިޔާބު ކުރުމަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރު ކުރުމަށް އިސްނަގައިގެން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމާއި، ޚިދުމަތުގައި އިޚްލާސްތެރިވުމާއި، ޤައުމަށް ވަފާތެރި ވުމުގެ އިތުރުން ޕާޓީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތް ކަށަވަރު ކުރުމަކީ، ޕާޓީގެ އެންމެހާ އާންމު މެންބަރުންގެ ޙައްގުގައި، ޕާޓީގެ މަޤާމުތަކާއ ހަވާލުވި ހުރިހާ ބޭފުޅުން އުފުލަން ޖެހޭ ފަރުދީ މަސްއޫލިއްޔަތެއް ކަމަށް ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވަނީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަޤާމު އަދާކުރައްވައިފަ އެވެ. ޑިފެންސް މިނިސްޓަރުގެ މަޤާމުން ޣައްސާން އިސްތިއުފާ ދެއްވާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް