ސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެ
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މާލޭ ސޯސަންމަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރަމުންދިޔަ އުމުރުން 26 އަހަރުގެ އާއިޝަތު މާހިދާ އެވެ. އެކްސިޑެންޓާ ގުޅިގެން މާހިދާގެ މޫނުގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އޭޑީކޭގައި އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ.
މި އެކްސިޑެންޓުގައި މާހިދާގެ އިތުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށްވެސް އެކި ވަރުގެ އަނިޔާތައް ވެފައިވެ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ 21 އަހަރުގެ މާހު ހަސަން (ތ. ދިޔަމިގިލި، އައްސޭރި) ބާރު ސްޕީޑުގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވާފައި ގޮސް އަނެއް ސައިކަލުގައި ޖެހިގެންނެވެ.

އެކްސިޑެންޓުގައި ނުރައްކާތެރިކޮށް ދުއްވައިގެން ހައްޔަރުކުރި މާހު.
އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބި ދެ މީހުންގެ ސިކުނޑިއަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ނުރައްކާތެރިކޮށް ދުއްވި މާހު ވަނީ ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފަ އެވެ.
ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި މާހު އަކީ އެެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތް މީހެއް ނޫނެވެ. ލައިސަންސް ނެތިގެން އޭނާ މީގެ ކުރިން ހަތަރު ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަ ކުރެ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް