ދަރަނި ދެއްކުމަށް މި ސަރުކާރުން މިހާތަނަށް 1.3 ބިލިއަން ޑޮލަރު ޚަރަދު ކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވާހަކަ ދައްކަވަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މިހާތަނަށް، ދަރަނި އަދާ ކުރުމަށް 1.3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަރީރު މިހެން ވިދާޅުވީ، ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ، މިދިޔަ ސަރުކާރުން ތަކުން ނަގާފައިވާ ލޯނު ތަކަށް ފައިސާ ދައްކައި، ޚަލާސްކޮށްފައި އެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ދިވެހި ރާއްޖެ އިން މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ދައްކައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ބޭނުން ކުރަމުން އަންނަނީ ޤައުމާއި، ރައްޔިތުންގެ ކަންކަމަށް ޚަރަދު ކުރުމަށް ކަމަށެވެ. މިނިސްޓަރު ޒަރީރު ވަނީ އެކަމުގެ ބައެއް ތަފްސީލުތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ދާ ދިވެހިންނަށް ޑޮލަރު ދިނުމާއި، ރާއްޖެ އިން ބޭރަށް އެހެނިހެން ބޭނުން ތަކުގައި ދަތުރު ކުރާ މީހުންނަށް ޑޮލަރު ދިނުމާއި، ދިވެހި ވިޔަފާރި ތަަކަށް ޑޮލަރު ދިނުމުގެ އިތުރުން، ރާއްޖެ އިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފީ ދައްކައި ދިނުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ވެސް ޑޮލަރުން ޚަރަދު ކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ސަރުކާރުން އަދާ ކޮށްފައިވާ ދަރަނީގެ ތަފްސީލުތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެ އަހަރާ ބައިގެ ތެރޭގައި ދެއްކިފައި ވަނީ 191 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ދެ އަހަރާ ބައިގެ ތެރޭގައި ލޯނު ދެއްކުމަށް ޚަރަދު ކޮށްފައި ވަނީ 428 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.
ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާ ބައިގެ ތެރޭގައި މިހާތަނަށް އައިއިރު 1.293 ބިލިއަން އެމެރިކާ ޑޮލަރު ދަރަނި ދެއްކުމަށް ހޭދަ ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައި އެވެ. މި އަދަދު ތަަކަށް ބަލާއިރު، ކުރީގެ ދެ ސަރުކާރާ އަޅާ ބަލާއިރު، މި ސަރުކާރުން ދަރަނި އަދާ ކުރުމަށް ޑޮލަރުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ޒަރީރު ފާހަގަ ކުރެއްވި އެވެ.
އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޒަރީރު ވިދާޅުވީ، އެކަމުގެ ސަބަބުން ދަތި ތަކެއް ދިމާވެދާނެ ކަމަށާއި، ޚަރަދުތައް މެނޭޖު ކުރުމުގައި ވެސް ދަތި ތަކެއް ދިމާވެދާނެ ކަމަށެވެ. ސަރުކާރުން ދަނީ އެކަންކަން ވަރަށް ގާތުން ބަލައި، ފިޔަވަޅު އަޅަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ދަރަނި ދެއްކުމާ އެކު، ޒަރޫރީ ތަކެތި ހުސްނުވެ، އަދި ދަތި ނުވެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް