އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ނިމުމާ ގާތަށް، ޒޯން ބުރު ފަށަން ތައްޔާރު
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ރޭގެ ފައިނަލް މެޗުގައި ދެއްވަދޫ ޓީމު ގޯލެއް ޖެހުމަށް ފަހު -- ފޮޓޯ/ ދެއްވަދޫ އެފްސީ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ކުޅުން ގާތްގަނޑަކަށް ނިމި، ޒޯން ބުރުގެ ކުޅުން ފަށަން ތައްޔާރު ވެއްޖެ އެވެ.
އެޓޯލް ޗެމްޕިއަންޝިޕްގައި އެންމެ ފަހުން ނިމުނީ ގއ. އަތޮޅުގެ ކުޅުމެވެ. ދެއްވަދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ގއ. އަތޮޅު ފައިނަލްގައި 4-0 އިން ވިލިނގިލި ބަލިކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ދެއްވަދޫ އެވެ.
މިއާ އެކު އެޓޯލް ޗެމްޕިއަންޝިޕްގައި މިހާރު ނުނިމި އޮތީ ލ. އަތޮޅުގެ ކުޅުމެވެ. ލ. އަތޮޅުގެ ފައިނަލް ތާވަލް ކޮށްފައި ވަނީ މާދަމާ ރެއަށެވެ. ލ. ގަމުގައި މާދަމާ ރޭ 9:00 ގައި ފައިނަލްގައި ބައްދަލުކުރާނީ ގަމާއި އިސްދޫ އެވެ.
އެޓޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތަކުގައި ކުޅޭ ދެ ޓީމަށް ވެސް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފަ އެވެ. މިއާ އެކު ލ. އަތޮޅުގެ ފައިނަލް ކުޅެން އޮތް ނަމަވެސް ޒޯން ބުރު ކުޅޭނޭ ޓީމުތައް މިހާރު މި ވަނީ ފައިނަލް ވެފަ އެވެ.
ޒޯން ބުރުގެ ކުޅުން ކުރިއަށް ގެންދާނީ ކޮންމެ ރީޖަން އެއް ދެ ޒޯނަށް ބަހާލައިގެންނެވެ. ޒޯން ބުރުގެ މެޗުތައް ހޯސްޓް ކުރާނެ ރަށްތައް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
ޒޯން ބުރުގެ ހޯސްޓް ރަށްތައް:
ނޯތު ރީޖަން - ޒޯން 1: ހދ. ނައިވާދޫ (ވާދަކުރާނީ ހއ. ހދ. ށ. އަތޮޅު)
ނޯތު ރީޖަން - ޒޯން 2: ނ. މަނަދޫ (ވާދަކުރާނީ ނ. ރ. ބ. ޅ. އަތޮޅު)
ސެންޓްރަލް ރީޖަން - ޒޯން 1: ކ. ހިންމަފުށި (ވާދަކުރާނީ ކ. އއ. އދ. އަތޮޅު)
ސެންޓްރަލް ރީޖަން - ޒޯން 2: ދ. ކުޑަހުވަދޫ (ވާދަކުރާނީ ވ. މ. ފ. ދ. އަތޮޅު)
ސައުތު ރީޖަން - ޒޯން 1: ތ. ތިމަރަފުށި (ވާދަކުރާނީ ތ. ލ. ގއ. އަތޮޅު)
ސައުތު ރީޖަން - ޒޯން 2: ޏ. ފުވައްމުލައް (ވާދަކުރާނީ ގދ. ޏ. ސ. އަތޮޅު)
އަތޮޅު ފުޓްސަލްގެ ފޯމެޓް އެކުލަވާލެވިފައި ވަނީ މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލައިގެންނެވެ. ނޯތު، ސެންޓްރަލް، ސައުތު އަދި މާލޭ ރީޖަން އަށް ބަހާލާފައި ވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ހިމެނެނީ އެންމެ ދެކުނުގައި އޮންނަ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދު އެއީ ވަކި ރީޖަންއެކެވެ.
ނޯތު ރީޖަންގެ ށ އަތޮޅުގެ އިތުރުން ސެންޓްރަލް ރީޖަންގެ ވ އަތޮޅާއި ސައުތު ރީޖަން އިން ޏ އަދި ސ އަތޮޅުން ވެސް އަތޮޅު ބުރުގައި ބައިވެރިވީ އެއް ޓީމެވެ. މިއާ ގުޅިގެން އެ ހަތަރު ރަށް ވެސް ވަނީ އޮޓަމެޓިކުން ޒޯން ބުރަށް ކޮލިފައި ވެފަ އެވެ.
ހަމަ އެގޮތުން މާލޭ ރީޖަން އިން ވެސް މުބާރާތުގައި ބައިވެރިވީ އެންމެ ޓީމެކެވެ. މިއާ ގުޅިގެން މާލޭ ރީޖަން އިން ވާދަ ކުރާ ހަމައެކަނި ޓީމަށް ވަނީ މޯލްޑިވްސް ފުޓްސަލް ލީގުގެ ޖާގައެއް ޔަގީން ވެފަ އެވެ.
އެންމެ ފުރަތަމަ މޯލްޑިވްސް ފުޓްސަލް ލީގު ކުރިއަށް ދާނީ 12 ޓީމާ އެކު އެވެ. ހަތަރު ރީޖަންގެ އެއްވަނަ ޓީމުގެ އިތުރުން ދެން ހިމެނޭނީ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ އަށް ޓީމެވެ.
އެޓޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގެ ނަތީޖާތައް (ލ. އަތޮޅު ފައިނަލް އަދި ނުކުޅޭ):
ހއ. އަތޮޅު - އިހަވަންދޫ 5-0 ފިއްލަދޫ
ހދ. އަތޮޅު: ހަނިމާދޫ 2-0 ނައިވާދޫ
ނ. އަތޮޅު: މަގޫދޫ 5-0 މަނަދޫ
ރ. އަތޮޅު: ދުވާފަރު 3-1 އިނގުރައިދޫ
ބ. އަތޮޅު: އޭދަފުށި 2-0 ތުޅާދޫ
ޅ. އަތޮޅު: ހިންނަވަރު 2-1 ނައިފަރު
ކ. އަތޮޅު: ގާފަރު 5-2 ހިންމަފުށި
އއ. އަތޮޅު: މަތިވެރި 1-0 ބޮޑުފޮޅުދޫ
އދ. އަތޮޅު: ދަނގެތި 1-1 (4-3 ޕެނަލްޓީ) މަންދޫ
މ. އަތޮޅު: ދިއްގަރު 3-1 ވޭވަށް
ފ. އަތޮޅު: ނިލަންދޫ 12-2 ދަރަނބޫދޫ
ދ. އަތޮޅު: މާއެނބޫދޫ 3-0 ކުޑަހުވަދޫ
ތ. އަތޮޅު: ތިމަރަފުށި 2-1 ވޭމަންޑޫ
ގއ. އަތޮޅު: ދެއްވަދޫ 4-0 ވިލިނގިލި
ގދ. އަތޮޅު: ވާދޫ 3-1 ފަރެސްމާތޮޑާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް