ރިސޯޓްތަކަށް ލިބޭ ޑޮލަރު މާރުކުރުން 20 އިންސައްތައިން 40 އިންސައްތައަށް ބަދަލުކުރަނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ގަވަރުނަރު އަހުމަދު މުނައްވަރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ކުރިން އޮތް އޮތުން 40 އިންސައްތައަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ބޭރު ފައިސާގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުގައި ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލުމުގެ އިތުރުން ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭގޮތަށް ހަދަން ހިމެނޭކަމަށެވެ.
މުނައްވަރު ވިދާޅުވީ ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ އިތުރުން ދެން ހުންނަ ފައިސާ ހޭދަކުރަނީ ކޮންކަމަކަށްތޯ ބެލޭނެ ގޮތް ހެދުމަށް ނުވަތަ މޮނިޓާރިން ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް ގާނޫނަށް އިސްލާހުތަކެއް ގެންނާނެ ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެމްއެމްއޭ އަށް މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ ތެރެއިން 56 ޕަސެންޓު ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ކަމަށެވެ.
އެ ބައްދަލުވުމުގައި މުނައްވަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުމާއި، ރާއްޖޭގެ އެތެރޭގައި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުމާއި، އެފަދަ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް 2030 ވަނަ އަހަރާ ހަމައަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއްކަމަށެވެ.
ރާއްޖޭގެ ހުރިހާ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ނެގުމަކީ ކުރީގެ ގަވަރުނަރުން ކަމަށްވާ އަލީ ހާޝިމާއި އަހްމަދު ނަސީރާއި ޑރ. އަޒީމާ އާދަމް އަދި ޑރ. ފަޒީން ނަޖީބުގެ ވެސް ގެންގުޅުއްވި އަމާޒެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވީ، މިއީ ގާތްގަނޑަކަށް 40 އަކަށް ނުވަތަ 50 އަކަށް އަހަރު ވެފައިވާ ނިޒާމަކަށް ގެންނަ ބޮޑު ބަދަލަކަށް ވާތީ، މިއީ އެއްވެސް ހާލެއްގައި އެއްރެއިން އަނެއްރެއަށް ނުވަތަ "އޯވަނައިޓްކޮށް" ގެނެވޭނެ ބަދަލެއް ނޫން ކަމަށެވެ.
އެހެންނަމަވެސް އެމްއެމްއޭގެ ދުރު ރާސްތާގެ ވިސްނުމަކީ 2030 އާ ހަމައަށް ދާއިރު ރާއްޖޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ މީގެ ކުރީގެ ގަވަރުނަރުން ވެސް ގެންގުޅުއްވި ވިސްނުންފުޅުކަމަށް މުނައްވަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް