ފަހުވަގުތު ސިޓީ މޮޅުވިއިރު، ނިއުކާސަލްއިން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މެންޗެސްޓާ ސިޓީން ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ --
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި މެންޗެސްޓާ ސިޓީން ބޯންމައުތު ބަލިކުރިއިރު، ނިއުކާސަލްއިން ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ރޭ ސިޓީގެ އަމިއްލަ ދަނޑުކަމަށްވާ އެތިހަޑު ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ބޯންމައުތާ ވާދަކޮށް އެ ޓީމު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ސިޓީން މޮޅަށް ކުޅެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ 26 ވަނަ މިނެޓުގައި ބޯންމައުތުގެ މާކަސް ޓަވެނިއާ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެއާއެކު ބޯންމައުތުން ވަނީ ޑިފެންސަށް ފައިބާ އެ ނަތީޖާ ހިފެހެއްޓޭތޯ މަސައްކަތްކޮށްފައެވެ.
ސިޓީން މެޗުގައި ގޯލެއް ޖެހުމަށްކުރި މަަސައްކަތް ކާމިޔާބުވީ މެޗުގެ 84 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނިކުތް ރަޔާން ޗާކީ ނެގި ކޯނަރު މާކް ގޭހީ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އެއާއެކު އިތުރު ގޯލެއް ޖެހޭތޯ ސިޓީން ކުރި މަސައްކަތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޗާކީ ތަނަވަސްކުރި ބޯޅައަކުން އެ ގޯލު ކާމިޔާބުކޮށްދިނީ ޖޮސްކޯ ގްވާޑިއޯލްއެވެ.
އެ މޮޅަކީ ސިޓީން މި ސީޒަންގައި ދެ މެޗު ކުޅެ ލިބުނު ފުރަތަމަ މޮޅެވެ. އެ ޓީމުގެ ކޯޗު ކަމުން ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ 10 އަހަރު ފަހުން ވަކިވިމުން ޓީމާ ހަވާލުވި ކޯޗު އެންޒޯ މަރެސްކާއާއެކު އެ ޓީމު ވަނީ ސީޒަން ހުޅުވާ މެޗު، ކޮމިއުނިޓީ ޝީލްޑު މެޗުގައި އާސެނަލްއާ ދެކޮޅަށް ކުޅެ ބަލިވެފައެވެ.

ނިއުކާސަލް ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ނިއުކާސަލް ދަނޑުގައި ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ވަނީ ފެނިފައެވެ. އެގޮތުން މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ވިލިއަން އޮސޫލާ ތަނަވަސްކުރި ފުރުސަތަކުން އެންތަނީ އެލަންގާ ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނިއުކާސަލްއަށް ނަގައިދީފައެވެ.
އެ ގޯލާއެކު 1-0 ގެ ނަތީޖާއަކުން ފުރަތަމަ ހާފު ނިމުނު ނަަމަވެސް ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ކޯޑި ގަކްޕޯ އޭރިއާ ބޭރުން ކާމިޔާބުކޮށްދިން ރީތި ގޯލާއެކު ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން މެޗުގެ 57 ވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު އަލުން ނަގައިފައެވެ. އެ ގޯލަކީ ކައުންޓަ އެޓޭކެއްގައި ކުރިއަށް ޖެހި ޖޮއާން ވިއްސާ ތަނަވަސްކުރި ފުރުސަތަކުން ޖޯ ވިލޮކް ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް މެޗު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލްގެ ޑެނިއަލް މުނޯޒަށް ނިއުކާސަލްގެ ލެވިސް ހޯލް ކުރި ފައުލަަކަށް ދިން ޕެނަލްޓީއަކުން ޑޮމިނިކް ސޮބޯސްލާއި ކާމިޔާބުކުރި ގޯލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް