އިންޑިއާ ކަނޑުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލަން ޖެހޭ: ނައިބު ރައީސް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އދ. ގެ އާންމު މަޖިލީހުގައި ނައިބު ރައީސް ތަގުރީރު ދެއްވަނީ. -- ފޮޓޯ/ ރައީސް އޮފީސް
އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ ތެރޭގައި ކުދި ގައުމުތަކުގެ އިހްތިޔާރުތައް ހަނި ވެގެން ނުވާނެކަމަށާއި، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ރާއްޖޭގެ އިގްތިސާދަށް ސީދާ ނޭދެވޭ އަސަރުކުރާ ކަމެއްކަމަށް ބުނެ ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ވަކާލާތުކޮށްފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ އާންމު ބަހުސްގައި ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް ދެއްވި ތަގުރީރުގައި ވިދާޅުވީ، އިންޑިއާ ކަނޑަކީ އަމާންކަމާއެކު ވިޔަފާރި ކުރެވޭ، އަދި ސަރަހައްދީ ގައުމުތަކަށް ފާގަތިކަން ގެނެސްދޭ ސަރަހައްދެއްގެ ގޮތުގައި ދެމިއޮންނަންޖެހޭ ކަމަށެވެ. އަދި ބޮޑެތި ބާރުތަކުގެ މެދުގައި އުފެދޭ ހަނގުރާމަތަކާއި ނުތަނަވަސްކަން އޮތްނަމަވެސް، އެކަމުގެ އަސަރު ރާއްޖެއަށް ސީދާ ފޯރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހާއްސަ ގޮތެއްގައި، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން ރާއްޖެއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. ނައިބު ރައީސް ވިދާޅުވީ، އެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަށް ހުރަސްއެޅުމުން ތެލުގެ އަގު އުފުލި، ކާބޯތަކެތި އެތެރެކުރުމަށާއި ވައިގެ ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. މީގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށާއި، ދައުލަތުގެ މާލިއްޔަތަށް ސީދާ ކުރާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، މެދުއިރުމަތީގެ ގެ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ބަހްރެއިން، ގަތަރު، ކުވައިތު، އޮމާން އަދި އުރުދުންއަށް ދެމުންދާ ހަމަލާތައް ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި މި ނުތަނަވަސްކަން ހައްލުކޮށް، މަޝްވަރާގެ މަގަށް ކަންކަން ގެނައުމަށް އޮމާން، ޕާކިސްތާން އަދި ގަތަރުން ކުރަމުންދާ ހާރިޖީ މަސައްކަތްތަކަށް ރާއްޖެއިން ވަނީ ތައުރީފު ކޮށްފަ އެވެ.
ރާއްޖެއިން އދ. ގައި ބުނެފައިވަނީ، ބޯޑަރެއް ހުރަސް ނުކޮށްވެސް ގައުމެއްގެ ސިޔާދަތީ ބާރުތަކަށް ނުފޫޒު ފޯރުވިދާނެ ކަމަށާއި، އެހެންކަމުން ކުޑަޔަސް ބޮޑަސް ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ މުސްތަގުބަލު އަމިއްލައަށް ނިންމުމުގެ މިނިވަންކަމާއި ގާބިލުކަން އޮންނަންޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް