ޚަބަރު

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ސާވޭ ނިމުމާ ގާތަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ސާވޭ ނިމުމާ ގާތަށް

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ފަހުމީ

ދިވެހިރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާވޭ ނިމުމަކާ ގާތްވެފައިވާ ކަމަށް، މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމެޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީ އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަސައްކަތަަކީ ދުނިޔޭގެ އެހެން ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ. ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ދާއިރާ އިން ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންނެވެ.

އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ފަހުމީ ވިދާޅުވީ، ކަނޑުގެ 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް ކަމަށެވެ. އެއީ ބޯ ހޯލް އިން ނަގާ ލޮނަށް ވުރެ ވެސް ސާފު ލޮނެއް ކަމަށާއި، އޭގައި އޯގަނިކް މެޓަލް މަދުވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ޚަރަދު ކުޑަވުމުގެ އިތުރުން، އެފިޝިއެންސީ އިތުރުވެގެންދާނެ ކަމަށް ވެސް ފަހުމީ ފާހަގަ ކުރެއްވި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ސާވޭ މިހާރު ގާތް ގަނޑަކަށް ނިމުމަކާ ގާތްވެފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ. މަޝްރޫއުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށް، ފީސިބިލިޓީ ހެދުމާއި، ތިމާވެއްޓާ ގުޅޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ވެސް ފަހުމީ ވަނީ ވިދާޅުވެފައި އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ 2027 ވަނަ އަހަރުގެ މެދު ތެރޭގައި ކަމަށް ފަހުމީ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނެފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޕްލާންޓް ޤާއިމުކުރުމަށް އެންމެ ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ގިރާވަރުފަޅާ ދިމާލުން ބޭރު ކަނޑެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް