ޕީއެންސީއާ މެދު ގިނަ ބައެއްގެ ޝައުޤުވެރިކަން އެބަ އޮތް: ޢަބްދުއްރަޙީމް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވާހަކަ ދައްކަވަނީ
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ މެދު ގިނަ ބައެއްގެ މެދުގައި ޝައުޤުވެރިކަން އެބަ އޮތް ކަމަށް، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަަބްދުﷲ ވިދާޅުވެއްޖެ އެވެ.
މި ހިނގާ ސެޕްޓެމްބަރު މަހު އޮންނަ ޕީއެންސީގެ ކޮންގްރެސް އަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އެ ޕާޓީގެ ކޮންގްރެސްގައި އިންތިޚާބު ކުރެވޭ މަޤާމު ތަކަށް ގިނަ މެމްބަރުން ވާދަކުރަމުން އަންނަ ކަމަށެވެ. އެއާއެކު ޢަބްދުއްރަޙީމް ވަނީ ޕީއެންސީގެ ކޮންގްރެސްގައި އިންތިޚާބު ކުރެވޭ މަޤާމުތަކަށް މެމްބަރުން ކުރިމަތިލާފައިވާ އަދަދުތައް ވެސް ހިއްސާކުރައްވައިފަ އެވެ.
އެގޮތުން ޢަބްދުއްރަޙީމް ވިދާޅުވީ، އާންމު ހުރިހާ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ގޮތަށް ހުޅުވާލާފައިވާ 18 ގޮނޑި އަށް 73 މެމްބަރުން ވާދަކުރައްވާ ކަމަށެވެ. މީގެ އިތުރުން ޕީއެންސީގެ ނައިބު ރައީސުންގެ މަޤާމަށް 11 ވަރަކަށް ބޭފުޅުން ކުރިމަތިލައްވާފައިވާާއިރު، ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކުރުމަށް ހަމަޖެހިފައި ވަނީ ހަ ބޭފުޅުންނެވެ.
މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ، މެމްބަރުންގެ މަޖިލީހުގެ އަންހެން މެމްބަރުންނަށް 10 ގޮނޑި ޚާއްސަކޮށްފައިވާއިރު، އެ ގޮނޑި ތަކަށް 23 މެމްބަރުން ވާދަކުރައްވާ ކަމަށެވެ. އަދި ޒުވާނުންނަށް ޚާއްސަ ކޮށްފައިވާ ހަތް ގޮނޑި އަށް، 13 މެމްބަރުން ވާދަކުރައްވާ ކަމަށް ވެސް ޢަބްދުއްރަޙީމް ވަނީ ހާމަކުރައްވައިފަ އެވެ.
މަޤާމު ތަކަށް މެމްބަރުން ވާދަކުރާ އަދަދުތައް ހާމަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، އޭގެއިން ހާމަކޮށްދެނީ ޕީއެންސީގެ އެތެރޭގައި އޮތް ޑިމޮކްރަޓިކް ސިސްޓަމްގެ ވަރުގަދަކަން ކަމަށެވެ. ހަމައެހެންމެ، ޕީއެންސީއާ މެެދު ގިނަ ބައެއްގެ މެދުގައި ޝައުޤުވެރިކަން އޮތް ކަމަށާއި، ޕާޓީގެ މަޤާމު ތަކަށް އެހާ ގިނަ މެމްބަރުން ވާދަކުރަނީ އެހެންވެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި އެވެ. އާންމު ގޮތެއްގައި ސިޔާސީ ޕާޓީ ތަކުން ބާއްވާ ކޮންގްރެސްގައި އިންތިޚާބު ކުރާ މަޤާމު ތަކަށް މެމްބަރުން ވާދަކުރައްވަނީ، ސީދާ އަދަދަށް ކަމަށް ވެސް ޢަބްދުއްރަޙީމް ފާހަގަކުރެއްވި އެވެ.
ޕީއެންސީގެ މަތީ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނީ މި މަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްގައި އެވެ. މި ކޮންގްރެސްގައި ގިނަ މެމްބަރުން ތަކެއް މަޤާމު ތަކަށް ވާދަކުރައްވާއިރު، ކޮންގްރެސްގެ ފޯރި ވަނި ގަދަވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް