ޚަބަރު

ކުރީގެ ރައީސުން ބޭނުން ކުރެއްވި މޭޒުކޮޅު ވިއްކާލި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު ތަކެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކުރީގެ ރައީސުން ބޭނުން ކުރެއްވި މޭޒުކޮޅު ވިއްކާލި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު ތަކެއް

ރައީސް އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން އަންނަ މޭޒު

ރާއްޖޭގެ ކުރީގެ ރައީސުން ބޭނުން ކުރައްވާފައިވާ މޭޒު ކޮޅެއް ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ދޮގު ޚަބަރު ތަކެއް ކަމަށް ސަރުކާރުން ހާމަ ކޮށްފި އެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރައީސް އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރު ކުރަމުން އަންނަ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުން ކުރައްވާފައިވާ މޭޒެއް ނޫން ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ މީޑިއާގައި ދައުރުވަމުން އަންނަ މޭޒު ރައީސް އޮފީހުން ނީލަމަށްލާފައި ވަނީ، ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެ، ބަހައްޓަން ދަތިވުމުގެ ސަބަބުން ކަމަށެވެ. އަދި އެ މޭޒު ނީލަމަށް ލާފައި ވަނީ ދައުލަތުގެ މުދާ ނީލަމަށްލުމަން އޮންނަ އުސޫލާއި އިޖުރާއަތްތަކުގެ ތެރެއިން ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ތަރުޖަމާނު ވިދާޅުވީ، ނީލަމަށް ލާ ކޮންމެ ފަރުނީޗަރެއް ވެސް ރައީސް އޮފީހުން ނީލަމަށްލަނީ، ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ، ނިޝާން ނައްޓާލުމަށް ފަހު ކަމަށެވެ. ނަމަވެސް، ޚަބަރު ތަކާއި ފޮޓޯ ތަކުގައި ފެންނަ މޭޒަށް ކޮންމެ ވެސް ފަރާތަކުން ބަދަލު ތަކެއް ގެނެސްފައިވާ ކަމަށާއި، ކުރީގެ ރައީސުން ބޭނުން ކުރެއްވި ރަސްމީ މޭޒު ކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެ ބަޔާނުގައި ތަރުޖަމާނު ވަނީ އެފަދަ ޚަބަރުތައް މީޑިއާ ތަކުގައި ޝާއިއު ކުރުމުގެ ކުރިން، ކަމާ ބެހޭ ރަސްމީ އިދާރާ ތަކުން އެކަމުގެ ޞައްޙައ މައުލޫމާތު ހޯއްދެވުމަށް، އަދި ރަސްމީކޮށް ކަށަވަރު ކުރެއްވުމާ ނުލައި، ޙަގީގަތާ ޚިލާފަށް އަދި ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް މިފަދަ މައުލޫމާތު އާާންމު ނުކުރެއްވުމަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް