ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދަކީ އީޖާދު ކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް މުޢިއްޒު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ސިޑްސް-ޖީބީއެން ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ
ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމު ތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތް ތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށް ގެންދާ، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވާކް (ޖީބީއެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވެށީގެ ނާޒުކު ކަމަކީ، ކުދި ޖަޒީރާ ޤައުމު ތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި، އެ ވާހަކައިގެ ބާކީ ބައިގައި އޮންނަނީ އެ ޤައުމު ތަކުގައިވާ ހިންމަތްތެރިކަމުގެ ވާހަކަތައްކަން، ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. ކުދި ޖަޒީރާ ޤައުމު ތަކަކީ އެ ޤައުމު ތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރި ކަމަށް ބަދަލުކުރާ، ހުރަސްތައް އީޖާދީ ޚިޔާލު ތަކަށް ބަދަލުކުރާ، އަދި ޖަޒީރާ ތަކުގެ ދެމެދުގައިވާ ދުރުމިން ގާތް ކަމަށް ބަދަލުކުރާ ޤައުމު ތަކެއްގެ ގޮތުގައި ރައީސް މުޢިއްޒު ސިފަ ކުރެއްވި އެވެ.
ކުދި ޖަޒީރާ ޤައުމު ތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުން ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން (އެމްއެސްއެމްއީ) ތައް ވެފައި ވަނީ، ސަރުކާރު ތަކުން ޙައްލު ހޯދަން އުނދަގޫވާ މައްސަލަ ތަކަށް ޢަމަލީ ޙައްލު ހޯދައިގެން، ކުދި ޖަޒީރާ ޤައުމު ތަކުގެ އިޤުތިޞާދު ތަކަށް ބާރުދޭ އިންޖީނު ތަކަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ. ކުދި ޖަޒީރާ ޤައުމު ތަކުގެ ކުޑަކަމަކީ ވެސް، އެއިން ފައިދާ ހޯދޭނޭ ކަމަކަށް ހެދިދާނޭކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން އެފަދަ ޤައުމުތައް، ފަންނިއްޔާތާއި، ޙައްލުތަކާއި، ޚިޔާލުތަކާއި، އީޖާދުތައް ތަޙުލީލުކުރާ ލެބޯޓަރީ ތަކަކަށް ހެދިދާނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިއަދު، ސުމޭކު ގުޅުންތަކަކީ ހަމައެކަނި މުވާސަލާތާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދު ސުމޭކު ގުޅުންތައް ވެފައި ވަނީ، ވިޔަފާރި އާއި މާލީ ޚިދުމަތް ތަކާއި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ. މޯލްޑިވްސް 2.0 ގެ އެޖެންޑާ މެދުވެރިކޮށް، ޤައުމުގެ ޖޯގުރަފީ އާއި ބޮޑު މިނުން ދިމާވާ ގޮންޖެހުން ތަކުން އަރައިގަތުމަށްޓަކައި، ރާއްޖޭގައި ސުމޭކު ފަންނިއްޔާތު ބޭނުން ކުރަމުންދާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތް ތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕް ތަކަށް އަމާޒު ކޮށްގެން، ޚާއްޞަކޮށް އަންހެނުން އިސްވެ ކުރާ ވިޔަފާރި ތަކަށް ސަމާލުކަން ދީގެން، މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަ ކުރައްވާފައި އެވެ. އަދި މިހާރު ޒަމާނާ އަދާހަމަކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓު ޤާނޫށާއި، 2027 ގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނަށް އިޝާރާތް ކުރައްވައި، ލޮޖިސްޓިކްސް އަދި ފްލޯޓިން ސޯލާގެ ދާއިރާ އިން ވުނަކުރުމަށް ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކަށް ވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީބީއެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ސިޑްސް ތަމްސީލު ކުރައްވާ ވަޒީރުންނާއި، ސަރުކާރު ތަކުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓުން އަދި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް